ޔުއެފާ ޗެންޕިއަންސް ލީގުގައި ރޭ ރަށުން ބޭރުގައި ސްޕެއިންގެ އެތްލެޓިކް ބިލްބާއޯ އާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އާސެނަލް އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
ބިލްބާއޯގެ އެސްޓާޑިއޯ ސަން މަމޭސްގައި 51000 ސަޕޯޓަރުންގެ ކުރިމަތީ ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ އާސެނަލް އިން މެޗު ޑޮމިނޭޓްކުރިއިރު، މިހާފުގައި ލަނޑުޖަހާނެ ގިނަ ފުރުސަތު ތަނަވަސްކުރީ ބިލްބާއޯ އިންނެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި އާސެނަލް އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދީ ދެވަނަ ހާފުގެ 72 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމުގެ ބެލްޖިއަމް ފޯވާޑް ލިއަންޑްރޯ ޓްރޮސާޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެޓީމު ބުރެޒިލް ފޯވާޑް ގެބްރިއަލް މާޓިނެއްލީ ކާމިޔާބުކުރިއިރު، އެޓީމުން ލީޑު ފުޅާކުރި ލަނޑު މެޗުގެ 87 ވަނަ މިނެޓުގައި ޓްރޮސާޑް ކާމިޔާބުކުރީ މާޓިނެއްލީ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.

މިލަނޑާއެކު 2-0 ގެ ނަތީޖާއަކުން އާސެނަލް މޮޅުވިއިރު، ޕްރެމިއާ ލީގުގެ ޓޮޓެންހަމް އިން ރޭ ވަނީ އަމިއްލަ ދަނޑުގައި 1-0 ގެ ނަތީޖާއަކުން ސްޕެއިންގެ ވިލަރެއާލް ބަލިކޮށްފައެވެ. އަދި މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި ވިލަރެއާލްގެ ބްރެޒިލް ކީޕަރު ލުއިޒް ޖޫނިއަރ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.