ޤަތަރުގެ ވެރިރަށް ދޯހާގައި ބޭއްވި އަރަބި-އިސްލާމީ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު އެނބުރި ނާލެ ވަޑައިގެންފިއެވެ.
އެ ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ފުރާވަޑައިގަތީ މިމަހުގެ 14ވަނަ ދުވަހުގައެވެ.
އަރަބި-އިސްލާމީ ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ދޯހާއަށް ޔަހޫދީ ދައުލަތުން ދިން ހަމަލާއަކީ މުޅި އިސްލާމީ އުއްމަތައް ދެވުނު ހަމަލާއެއް ކަމަށެވެ.
މީގެއިތުރުން ޔަހޫދީ އިޒްރޭލުން ޤަތަރަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި ރައީސް ވިދާޅުވީ، ފަލަސްތީނުގެ މައްސަލައިގައި ޤަތަރުން އަދާކުރަމުން ދިޔައީ ސުލްހަ ޤާއިމްކޮށްދިނުމަށް މެދުވެރިއެއްގެ ދައުރު ކަމަށެވެ.
އެ ސަމިޓުގައި ރައީސް މުޢިއްޒު ވަނީ އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ އަނިޔާވެރި އަމަލުތައް ފާހަގަކުރައްވާފައެވެ. އެގޮތުން ޑޮކްޓަރުންނާއި، ނޫސްވެރިންނާއި، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކާއި އާންމު ރައްޔިތުން އެއްވެސް ޖެހިލުމެއްނެތި މަރަމުންދާކަން ފާހަގަކުރެއްވިއެވެ.