ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އަލް ޘާނީއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިސްރާއިލުން ޤަތަރަށް ދިން ހަމަލާ ކުށްވެރިކުރައްވާ، މި ހަމަލާގައި ބަޔަކު ޝަހީދުވުމާއި ގުޅިގެން ތައުޒިޔާ އާއި ހަމްދަރުދީ ވިދާޅުވެފައެވެ. ރާއްޖެ އޮތީ ޤަތަރާއެކުގައި ކަމަށާއި އެ ސަރަޙައްދުގައި ސުލްޙަވެރިކަން ޤާއިމްކުރުމަށް ކުރާ މަސައްކަތްތަކަށް ރާއްޖޭގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ކުއްލި އަރަބި އިސްލާމިކް ސަމިޓް އިންތިޒާމު ކުރުމުގައި ޤަތަރުގެ ލީޑަޝިޕަށް ރައީސް މުއިއްޒު ވަނީ ތައުރީފް ކުރައްވާފައެވެ. އަދި ފަލަސްތީނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ޤަތަރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ރައީސް ފާހަގަކުރެއްވިއެވެ.
ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ޤަޠަރުން ރާއްޖެއަށް މިހާރުވެސް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެމުންދާކަން ފާހަގަކުރައްވާ ރައީސްވަނީ ޝުކުރު އަދާކުރައްވާފައެވެ.
މީގެއިތުރުން ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށާއި މުސްލިމު ދަޢުލަތްތަކުގެ މެދުގައި އެއްބައިވަންތަކަން އޮތުން މުހިއްމުކަން ފާހަގަކުރައްވާފައެވެ. ޢަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓެއްގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، ރައީސުލްޖުމްހޫރިއްޔާ ގަތަރަށް ފުރާވަޑައިގަތީ ރޭގެ ވަގުތެއްގައެވެ.
މި ސަމިޓްގައި، ރައީސުލްޖުމްހޫރިއްޔާ ބަޔާނެއް އިއްވެވުމަށް ވަނީ ހަމަޖެހިފައެވެ.
މި ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވުމަކީ، ދިވެހިރާއްޖެއިން ޤަޠަރާއެކުގައި އޮތް އެއްބައިވަންތަކަމާއި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް ރާއްޖެއިން ކުރާ މަސައްކަތް ރަމްޒުކޮށްދޭކަމެކެވެ.
މި މުނާސަބު ވަގުތުގައި، ޢަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓެއް ބޭއްވުމަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ ޤައުމުތަކުގެ އިސްވެރިން އެއްތަންވުމަށް ލިބިގެންދާ މުހިންމު ފުރުސަތެކެވެ. އަދި މި މަންސައިގެ ތެރެއިން މުސްލިމު އުއްމަތުގެ އަޑު އެކަތިގަނޑެއްގެ ގޮތުގައި ގަދަކޮށް އިއްވައި، ލާއިންސާނީ ޢަމަލުތައް ހުއްޓުވުމަށާއި ސަރަޙައްދީ އަމަންއަމާންކަން ޤާއިމުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މަގުފަހިވެގެންދާނެއެވެ.