ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ސިއްހީ ބޭނުންތަކަށް ހާއްސަ ޗުއްޓީއެއް ދޭން ސިވިލް ސަރވިސް ކޮމިޝަނުން ނިންމައިފި

ޞިއްހީ ބޭނުންތަކަށް ޚާއްޞަ ޗުއްޓީ އެއް ދިނުމަށް ސިވިލް ސަރިވިސް އިން ނިންމައިފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން އިއްޔެ ނެރުނު ސަރކިއުލަރ އެއްގައި ވަނީ އާއިލީ މީހަކު ބޮޑު ބައްޔަކަށް ފަރުވާ ހޯދަންޖެހޭ ހާލަތުގައި ހާއްސަ ޗުއްޓީއެއްގެ ގޮތުން 30 ދުވަހުގެ ޗުއްޓީއެއް ލިބިދެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

ސިވިލް ސާވިސްގެ ގަވާއިދު ކުރިން އޮތް ގޮތުން ބޮޑު ބައްޔެއް ތަހައްމަލުކުރާ މުވައްޒަފުންނަށް އެ ގަވާއިދުގެ 188 ވަނަ މާއްދާގެ ދަށުން މިދެންނެވުނު ޗުއްޓީ ލިބުނަސް އާއިލާ މީހަކަށް އެފަދަ ބޮޑު ބައްޔެއް ކުރިމަތިވެގެން އެ ޗުއްޓީއެއް ނުލިބެއެވެ.

އާއިލީ ޒިންމާގެ ޗުއްޓީ ނުވަތަ އަހަރީ ޗުއްޓީ ނަގައިގެން ބަލި މައިންބަފައިންނާއި، އަނބިދަރިންނަށް އެހީތެރިވުން ނޫން ގޮތެއް ނޯވެއެވެ.

މިހާރު ގަވާއިދަށް ގެނައި އިސްލާހާއެކު، މުވައްޒަފުގެ މަންމައަށް ނުވަތަ ބައްޕައަށް ނުވަތަ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް، ނުވަތަ ދަރިއަކަށް ނުވަތައް އެއްބަނޑުއެއްބަފާ މީހަކަށް ނުވަތަ އެއްބަފާ މީހަކަށް ނުތަވަ އެއްބަނޑު މީހަކަށް ނުވަތަ ޝަރުއީ ގޮތުން ބަލަންޖެހޭ މީހަކަށް ބޮޑު ބައްޔެއް ކުރިމަތިވާ ހާލަތުގައާއި ބޯންމެރޯ ނުވަތަ ގުނަވަނެއް ހަދިޔާކުރަން ބޭނުންވާ ހާލަތުގައި އަސާސީ މުސާރަ ލިބޭ ގޮތަށް އަހަރަކު 30 ދުވަހުގެ ހާއްސަ ސިއްހީ ބޭނުންތަކަށް ދެވޭ ޗުއްޓީ ލިބޭނެއެވެ.

ސިވިލް ސާވިސްގެ ގަވާއިދަށް އިއްޔެ އިތުރުކުރި އިސްލާހުގައި ވަނީ ދެ ހާލަތުން ކުރެ ކަމެއް، އެ މުވައްޒަފެއް ޝަރުއީ ގޮތުން ބަލަންޖެހޭ މީހަކަށް މެދުވެރިވެއްޖެ ނަމަ އެ ޗުއްޓީއަށް އެދެވޭނެ ކަމަށެވެ.

އެ ދެ ހާލަތަކީ، ޓާމިނަލް އިލްނަސްއެއް ނުވަތަ ކްރޮނިކް ކޮންޑިޝަނެއްގެ ސަބަބުން ދިގު މުއްދަތަކަށް، ބޭސްފަރުވާ ކުރަންޖެހުން ނުވަތަ ބޯންމެރޯ ނުވަތަ ގުނަވަނެއް ހަދިޔާކުރުމަށް ބޭނުންވުމެވެ.

މިއިން ހާލަތެއް ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހަކަށް ދިމާވެއްޖެ ނަމަ، އަސާސީ މުސާރައާއި މަގާމުގެ މުސާރަ ލިބޭގޮތަށް، އަހަރަކު 30 ދުވަސް ”ޚާއްޞަ ޞިއްޙީ ބޭނުންތަކަށް ދެވޭ ޗުއްޓީ“ ގެ ގޮތުގައި ދެވިދާނެ ކަމަށް މިހާރު ގަވައިދުގައިވެއެވެ.

މި ޗުއްޓީ ދިނުމުގައި، އެ މީހަކީ ޓާމިނަލް އިލްނަސްއެއް ނުވަތަ ކްރޮނިކް ކޮންޑިޝަނެއް ތަޙައްމަލުކުރަމުންދާ ފަރާތެއް ކަމަށާއި، ބަލީގެ ބާވަތާއި ބަލީގެ ސަބަބުން ފަރުވާއަށް ހޭދަވާނެ މުއްދަތު ބަޔާންކޮށް، މެޑިކަލް ސެޓުފިކެޓެއް ހުށަހަޅަންޖެހޭނެއެވެ.

މީގެ އިތުރުން އިއްޔެ ސިވިލް ސާވިސް ކޮމިޝަނުން ގެޒެޓުގައި ޝާއިއުކުރި އިސްލާހު ގެނައުމުގެ ކުރިން ސިވިލް ސާވިސްގެ ގަވާއިދުގެ 145ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ ސިވިލް ސާވިސް މުވައްޒަފުން ހެނދުން އަޅަންޖެހޭނީ ކާކުކަން އެނގޭ ގޮތަށް ކަމުގައެވެ. މިހާރު އެ މާއްދާގައި ބުނަނީ އެ މުވައްޒަފުގެ ނަމާއި މަގާމު އެނގޭ ގޮތަށް ކާޑެއް ނުވަތަ ޓެގެއް ބޭނުންކުރަންވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް