ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ، ވެލެންސިއާއި ދެކޮޅަށް ކުޅުނު މައްޗުގައި 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރި ހޯދައިފިއެވެ.
މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު މެޗުގެ 29 ވަނަ މިނެޓްގައި ބާސާއަށް ކާމިޔާބުކޮށްދިނީ ފާމިން ލޮޕޭޒް އެވެ. އަދި މެޗުގެ 53 ވަނަ މިނެޓްގައި ރަފީނިއާ ބާސާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިންއިރު، އޭގެ ތިން މިނެޓް ފަހުން ބާސާގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލުވެސް ކާމިޔާބުކޮށްދިން ލޮޕޭޒްއެވެ.

ބާސާގެ ހަތަރުވަނަ ގޯލު މެޗުގެ 66 ވަނަ މިނެޓްގައި ރަފީނިއާ ކާމިޔާބުކޮށްދިންއިރު، އެޓީމުގެ ފަހު ދެ ގޯލު ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ރޮބަޓް ލެވެންޑޯސްކީއެވެ.

މި މޮޅާއެކު ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓު ހޯދައިގެން ބާސާ އޮތީ ލީގުގެ ދެވަނައިގައެވެ. އެއްވަނައިގައި ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓާ އެކު އޮތީ ރެއާލް މެޑްރިޑެވެ.
ރޭގެ މެޗު ބާސާއިން ކުޅުނީ އެޓީމުގެ ބީ ޓީމުން މެޗުތައް ކުޅެމުން އަންނަ 6،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމްގަ އެވެ. މި ސްޓޭޑިއަމްގައި ބާސާއިން ކުޅުނީ އެޓީމުގެ ރަސްމީ ސްޓޭޑިއަމް ކަމަށްވާ ”ކޭމްޕް ނޫ“ ތަރައްގީ ކުރުމުގެ މަސައްކަތް އަދިވެސް މުޅިން ނުނިމޭތީ އެވެ.