އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

ވޯލްޑްކަޕް ކޮލިފައިން: ވާދަވެރި ކުޅުމަކަށްފަހު ފްރާންސް އިން އައިސްލޭންޑް ބަލިކޮށްފި

ވޯލްޑްކަޕް ކޮލިފައިން ގުރޫޕް ޑީގައި އަމިއްލަ ދަނޑުގައި ފްރާންސުން އައިސްލެންޑާއި ދެކޮޅަށް ކުޅުނު މެޗު، 2-1 ގެ ނަތީޖާއަކުން ފްރާންސް ކާމިޔާބުކޮށްފިއެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ފްރާންސް އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އައިސްލޭންޑް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އެންޑްރީ ގުޑްޖޮންސަންއެވެ.

ވޯލްޑްކަޕް ކޮލިފައިންގައި ފްރާންސް އަދި އައިސްލޭންޑް ބައްދަލުކުރި މެޗުގެ ތެރެއިން

ފުރާންސް އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން، ކާމިޔާބުކޮށްދިނީ ކެޕްޓަން ކިލިއަން އެމްބާޕޭއެވެ. އަދި މީގެ އިތުރުން ވެސް މިހާފުގައި ފްރާންސް އިން ވަނީ އައިސްލޭންޑްގެ ގޯލަށް ގިނަ ހަަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ވެސް ވަރުގަދަކޮށް ފެށީ ފުރާންސް އިންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 62 ވަނަ މިނެޓުގައި ކެޕްޓަން އެމްބާޕޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޒުވާން ފޯވާޑް ބްރެޑްލީ ބާކޯލާ ވަނީ އެޓީމަށް މިމެޗުގައި ފުރަތަމަ ފަހަރަށް ލީޑުހޯދައިދީފައެވެ.

ވޯލްޑްކަޕް ކޮލިފައިންގައި ފްރާންސް އަދި އައިސްލޭންޑް ބައްދަލުކުރި މެޗުގެ ތެރެއިން

މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި 2-1 ގެ ނަތީޖާއަކުން ފްރާންސް ކުރީގައި އޮވެގެންނެވެ.

މިނަތިޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނައިގައި ފްރާންސް އޮތްއިރު، މިމެޗުން ބަލިވި އައިސްލޭންޑް ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ހޯދި ތިން ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ދެވަނައިގައެވެ. އަދި މިގުރޫޕްގައި ރޭ ކުޅުނު ދެވަނަ މެޗުގައި އަޒަރްބައިޖާން އާއި ޔުކްރެއިން ވާދަކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

ގުޅުންހުރި ލިޔުންތައް