އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އަސްކަރީ ގޮތުން ”އެފެކްޓިވްލީ“ ނިމިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
ޓްރަމްޕް މިހެން ބުނީ ވޮޝިންގޓަންގައި ޤަޠަރުގެ ބޮޑުވަޒީރު ޝެއިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޖާސިމް އަލްޘާނީއާއެކު ބޭއްވި ބައްދަލުވުމަކަށް ފަހު، ވައިޓް ހައުސްގެ ބްރީފިންގ ރޫމަށް ކުއްލި ގޮތަކަށް ވަދެ ނޫސްވެރިންނާ ވާހަކަދައްކަމުންނެވެ.
ނޫސްވެރިންނާ ވާހަކަދައްކަމުން ޓްރަމްޕް ބުނީ އީރާނުގެ އަސްކަރީ ޤާބިލުކަން އެމެރިކާއިން އެއްކޮށް ނައްތާލާފައިވާ ކަމަށެވެ. އަދި މިހާރު ކަންކަން އޮތް ގޮތް (ސްޓޭޓަސް ކޯ) ދަމަހައްޓަމުން ދަނީ އީރާނުގެ އަވައްޓެރި ޢަރަބި ޤައުމުތަކުގެ އެދުމުގެ މަތިން ކަމަށްވެސް ޓްރަމްޕް ފާހަގަކުރިއެވެ. މި ބައްދަލުވުމުގައި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވެސް ބައިވެރިވި އިރު، ޤަޠަރާއި ސަޢޫދީ ޢަރަބިއްޔާއާއި ޔޫއޭއީއާއި ބަޙްރައިން އަދި ކުވައިތު ފަދަ ޤައުމުތަކުން ބޭނުންވަނީ މިހާރު އޮތް ޙާލަތު ދެމެހެއްޓުމަށް ކަމަށް ޓްރަމްޕް ބުންޏެވެ.
ޓްރަމްޕް ބުނެފައިވާ ގޮތުގައި މިހާރު އޮތް ޙާލަތު ދެމެހެއްޓުމުގެ މާނައަކީ އީރާނުގެ ބަނދަރުތަކާ ދެކޮޅަށް އެމެރިކާއިން ކުރިއަށްދިޔަ ކަނޑުގެ ޙިޞާރު (ނާވަލް ބްލޮކޭޑް) ކުރިއަށް ގެންދިއުމެވެ. މިއީ އެމެރިކާގެ ތާރީޚުގައިވެސް އަދި ދުނިޔޭގެ ތާރީޚުގައިވެސް ހިންގާ އެންމެ ބޮޑު ކަނޑުގެ ޙިޞާރު ކަމަށް ޓްރަމްޕް ސިފަކުރިއެވެ. މީގެ އިތުރުން، އީރާނަށް އެއްގަމުމަގުންނާއި ކެސްޕިއަން ކަނޑު މެދުވެރިކޮށް ހަތިޔާރާއި މުދާ އެތެރެކުރުން ހުއްޓުވުމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން އަލަށް އުފެއްދި ”ޓާސްކް ފޯސް އަޔަން ގޭޓް“ ގެ މަސައްކަތްތައްވެސް ކުރިއަށްދާނެ ކަމަށް ޓްރަމްޕް ހާމަކުރިއެވެ. ފްލޮރިޑާގެ ޓެމްޕާގައި ޤާއިމުކޮށްފައިވާ މި ޓާސްކް ފޯސްއަކީ 20 މީހުންގެ މައްޗަށް އެކުލެވޭ، އީރާނުގެ އެއްގަމު ބޯޑަރުތަކުންނާއި ކެސްޕިއަން ކަނޑުން ޣައިރުޤާނޫނީ ވިޔަފާރިއާއި ހަތިޔާރު އެތެރެކުރުން ހުއްޓުވުމަށް އުފެއްދި ޓީމެކެވެ. އެމެރިކާގެ ކަނޑުގެ ޙިޞާރުގެ ސަބަބުން ފާއިތުވި މަސްތަކުގައި އީރާނުގެ 25 ބިލިއަން ޑޮލަރުގެ ސާފު ތެލުގެ އެކްސްޕޯޓް ހުއްޓުވާފައިވާ ކަމަށް ސެންޓްކޮމްއިން ބުނެއެވެ.
އަސްކަރީ ފިޔަވަޅުތައް އިތުރަށް އަޅަންޖެހޭ ތަނެއް މިވަގުތު ނުފެންނަ ކަމަށް ބުނަމުންވެސް، މަޝްރަޙަށް އަންނަ ބަދަލަކާ ގުޅިގެން ކޮންމެ ވަގުތަކުވެސް ޙަމަލާދިނުމަށް އެމެރިކާ އޮތީ ”ލޮކްޑް އެންޑް ލޯޑެޑް“ ކޮށް ތައްޔާރަށް ކަމަށް ޓްރަމްޕް ބުންޏެވެ. އަދި އިސްރާއީލާއި މުޅި މެދުއިރުމަތި މިހާރު އީރާނުގެ ނުރައްކަލުން ރައްކާތެރިކުރެވިފައިވާ ކަމަށާއި، މި ނުކުޅެދުންތެރިކަމާއި ހަނގުރާމަ ނިމުމަކަށް އައުމުގެ މޮމެންޓަމް އުފެދެމުންދާ ކަމަށްވެސް ޓްރަމްޕް ފާހަގަކުރިއެވެ.
މި ބައްދަލުވުމަށްފަހު ޤަޠަރުގެ ބޮޑުވަޒީރު ޝެއިޚް މުޙައްމަދު ސޯޝަލް މީޑިއާގައި ކުރެއްވި މެސެޖެއްގައި ވިދާޅުވީ، ސަރަޙައްދީ ޙާލަތާ ގުޅޭގޮތުންނާއި އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތައް ކުރިއަށްގެންދާނެ ގޮތްތަކާމެދު އެމެރިކާގެ ވެރިންނާއެކު އެދެވޭ ވާހަކަތަކެއް ދެކެވުނު ކަމަށެވެ. އަދި ސުލްޙައިގެ އެއްބަސްވުމަކަށް އައުމަށް ކުރެވޭ މަސައްކަތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. މީގެއިތުރުން، ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން އީރާނުން ހުށަހެޅި ދެ ދުވަހުގެ ޕްރޮޕޯޒަލެއް ޤަޠަރުގެ ބޮޑުވަޒީރު ވަނީ ޓްރަމްޕަށް އަރުވާފައެވެ.
ނަމަވެސް އީރާނުގެ މަސްއޫލުވެރިން ވަނީ ޓްރަމްޕްގެ މި ވާހަކަތަކަކީ ޙަޤީޤަތެއް ނެތް ”ފޭކް ނިއުސް“ ގެ ގޮތުގައި ސިފަކޮށްފައެވެ. އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުޙްސިން ރޭޒާއީ ސޯޝަލް މީޑިއާގައި ލިޔުއްވި މެސެޖެއްގައި ވިދާޅުވީ، އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގެ ސަބަބުން އެމެރިކާ ސަރުކާރު ވަނީ ޚަރާބުވެގެން ގޮސްފައި ކަމަށާއި، ޚިޔާލީ މަޝްވަރާތަކުގެ ނަމުގައި ދޮގު ޚަބަރު ފެތުރުން ހުއްޓާލުމަށް ގޮވާލައްވާފައެވެ. އީރާނުގެ ރައީސް މައްސޫދު ޕެޒެޝްކިއާން ވިދާޅުވީ، ”ހަނގުރާމައެއްވެސް އަދި ސުލްޙައެއްވެސް ނެތް“ މި ޙާލަތު ނިމުމަކަށް ގެނައުމަށް އީރާނުގެ ރޫޙީ ލީޑަރު މުޖުތަބާ ޚާމަނޭއީ އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މަޝްވަރާތަކަށް އީރާން ތައްޔާރަށް އޮތްނަމަވެސް، މަޖުބޫރުކުރުމާއި ބިރުދެއްކުމުގެ ކުރިމަތީގައި އީރާން އަމާންނުދޭނެ ކަމަށް ޕެޒެޝްކިއާން ވިދާޅުވިއެވެ.
މިއަހަރުގެ ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން އީރާނަށް ޙަމަލާދީ ފެށި މި ހަނގުރާމައިގެ ސަބަބުން މުޅި ސަރަޙައްދަށް ވަނީ މީގެ އަސަރުކޮށްފައެވެ. ހަނގުރާމަ ފެށުމާއެކު އީރާނުން ވަނީ ދުނިޔޭގެ ތެލާއި ގޭސް އަދި ގާސްދަވަ ބޭރުކުރާ މުހިންމު މަގެއް ކަމަށްވާ ހުރުމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. އަދި އީރާނުން ވަނީ ޤަޠަރާއި ބަޙްރައިން، ކުވައިތު އަދި ޔޫއޭއީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯން ޙަމަލާތަކެއްވެސް ދީފައެވެ. މީގެއިތުރުން، ސަޢޫދީ ޢަރަބިއްޔާއިން ޔަމަނުގެ ޙޫޘީންނާ ދެކޮޅަށް ކުރާ ހަނގުރާމަ އަލުން ފަށާފައިވާއިރު، އިސްރާއީލުން ވަނީ ލުބުނާނުގެ ދެކުނުގެ ސަރަޙައްދުތަކަށް އަރައިގަނެ ޙަމަލާތައް ވަރުގަދަކޮށްފައެވެ.
ފާއިތުވި ދުވަސްތަކުގައި އެމެރިކާއިން ވަނީ އީރާނުގެ ޤެޝްމް އައިލެންޑަށް ކުދި ޙަމަލާތަކެއް ދީ، އެރަށުގައި ހުރި ވައިގެ ދިފާޢީ ނިޒާމެއް ހަލާކުކޮށްލާފައެވެ. އަދި އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ބެހޭ މަޢުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް 20 މިލިއަން ޑޮލަރުގެ އިނާމެއް ދިނުމަށްވެސް އެމެރިކާއިން ވަނީ ހުށަހަޅާފައެވެ. 2025 ވަނަ އަހަރުގެ ޖޫން މަހު ހިނގި 12 ދުވަހުގެ ހަނގުރާމައަށްފަހު އީރާނުގެ ޔުރޭނިއަމް މުއްސަނދިކުރާ ނިޒާމު އެކޮށް ހަލާކުކޮށްލާފައިވާ ކަމަށް ޓްރަމްޕް ބުނި ނަމަވެސް، މިހާރުގެ ހަނގުރާމައިގެ ޢުޒުރަކަށްވެސް އެމެރިކާއިން ދައްކަނީ އީރާނުގެ ނިއުކްލިއަރ ނުރައްކަލެވެ. ނަމަވެސް އީރާނުން އަބަދުވެސް ބުނަމުންދަނީ އެޤައުމުގެ ނިއުކްލިއަރ ޕްރޮގްރާމަކީ އާންމު ޚިދުމަތްތަކަށް ބޭނުންކުރާ މަދަނީ ޕްރޮގްރާމެއް ކަމަށެވެ.
ހަނގުރާމަ ނިންމާލުމަށް އީރާނުން ހުށަހަޅާފައިވާ 7 ޝަރުތުގެ ތެރޭގައި، އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި، ފްރީޒްކޮށްފައިވާ އީރާނުގެ ފައިސާ ދޫކޮށްލުމާއި، ޢުމާނާއެކު މަޝްވަރާކޮށްގެން ހުރުމުޒް ކަނޑުއޮޅީގެ އާ ނެވިގޭޝަން ރޫޓެއް ޤަބޫލުކުރުމުގެ އިތުރުން އިސްރާއީލުން ލުބުނާނަށް ދޭ ޙަމަލާތައް ހުއްޓާލުން ހިމެނެއެވެ.



