އިޒްރޭލުގައި ބޭއްވި އާންމު އިންތިހާބުގެ ނަތީޖާ ވަކިކޮޅަކަށް ނުޖެހި، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އިއްތިހާދަށް އަގުލަބިއްޔަތު ގެއްލުމާ ގުޅިގެން، އާ ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު އެ ގައުމުގެ އަސްކަރިއްޔާގެ ކުރީގެ ވެރިޔާ ގާދީ އައިޒަންކޮޓަށް ދިނުމަށް ރައީސް އިސާކް ހަރުޒޮގް އިއްޔެ ނިންމަވައިފިއެވެ.
ރައީސްގެ އޮފީހުން އިއްޔެ ބުނި ގޮތުގައި، ނަތަންޔާހޫގެ އެންމެ ބޮޑު ސިޔާސީ ވާދަވެރިޔާ ކަމަށްވާ އައިޒަންކޮޓަށް ސަރުކާރު އެކުލަވާލުމުގެ ދައުވަތު ދެއްވީ، ގާނޫނު ހަދާ މަޖިލީހުގެ ގިނަ ޕާޓީތަކެއްގެ ތާއީދު އޭނާއަށް އޮތުމުންނެވެ. ރައީސްގެ ތަރުޖަމާނު ވިދާޅުވީ، މިއަދު އައިޒަންކޮޓް ރައީސްގެ ރަސްމީ ގެކޮޅަށް ހާޒިރުވެވަޑައިގަތުމުން، ސަރުކާރު އެކުލަވާލުމުގެ ރަސްމީ މަސްއޫލިއްޔަތު އޭނާއާ ހަވާލުކުރެވޭނެ ކަމަށެވެ.
މި ނިންމުމަށް މަރުހަބާ ވިދާޅުވަމުން އައިޒަންކޮޓް ވަނީ، ގައުމީ ކުއްލި ހާލަތުގެ ސަރުކާރެއް އެކުލަވާލުމަށް ގޮވާލައްވާފަ އެވެ. އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ބޭނުންވާ ވަގުތު ކަމަށާއި އެކަމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.
މިދިޔަ މަހު 27ގައި ބޭއްވި އިންތިހާބުގައި، 120 ގޮނޑި ހިމެނޭ ކްނެސެޓްގެ 27 ގޮނޑި ނަތަންޔާހޫގެ ލިކޫޑް ޕާޓީން ކާމިޔާބުކުރި އިރު، އޭނާގެ ދީނީ އަދި ހަރުކަށި ފިކުރުގެ އިއްތިހާދަށް ލިބުނީ 53 ގޮނޑި އެވެ. މިއީ ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ އަގުލަބިއްޔަތަށް ވުރެ 8 ގޮނޑި މަދު އަދަދެކެވެ.
އައިޒަންކޮޓްގެ ޔަޝާރު ޕާޓީއަށް 21 ގޮނޑި ލިބުނުއިރު، އޭނާގެ ހަތަރު ޕާޓީ ހިމެނޭ އިއްތިހާދަށް ލިބުނީ 48 ގޮނޑި އެވެ. އަދި އަރަބި ދެ ޕާޓީއަކުން ވަނީ ރެކޯޑު އަދަދެއް ކަމަށްވާ 19 ގޮނޑި ކާމިޔާބުކޮށް، އައިޒަންކޮޓަށް ތާއީދުކުރަން ނިންމާފަ އެވެ. ނަމަވެސް، އައިޒަންކޮޓް ވަނީ އެ ޕާޓީތަކާ އެކު އިއްތިހާދެއް ހެދުމަށް އިންކާރު ކުރައްވާފަ އެވެ.
އުމުރުން 66 އަހަރުގެ އައިޒަންކޮޓަށް ސަރުކާރު އެކުލަވާލުމަށް 28 ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ. އަދި ބޭނުންވެއްޖެ ހާލަތެއްގައި އިތުރު 14 ދުވަސް ދެވިދާނެ އެވެ. އޭނާއަށް އޮތް ފުރުސަތުތަކުގެ ތެރޭގައި، އަރަބި ޕާޓީތަކުގެ ތާއީދާ އެކު މައިނޯރިޓީ ސަރުކާރެއް އުފެއްދުން ނުވަތަ ހަރުކަށި ދީނީ ޕާޓީތަކާ އެކު މަޝްވަރާކުރުން ނުވަތަ ނަތަންޔާހޫއާ އެކު އިއްތިހާދުވުން ހިމެނެ އެވެ. ނަމަވެސް، މިއީ ވުމަށް ވުރެ ނުވުން ގާތް ކަންތައްތަކެއް ކަމަށް މުހައްލިލުން ދެކެވަޑައިގަންނަވައެވެ.
ސިޔާސީ ދާއިރާއަށް 2022 ވަނަ އަހަރު ނުކުމެވަޑައިގެންނެވި އައިޒަންކޮޓަކީ، 7 އޮކްޓޯބަރު 2023ގައި ހަމާސްއިން ދިން ހަމަލާއަށް ފަހު ނަތަންޔާހޫ އެކުލަވައިލި ހަނގުރާމައިގެ ކެބިނެޓުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ނަމަވެސް، ފަހުން އޭނާ ވަނީ ކެބިނެޓުން އިސްތިއުފާދެއްވައި އިދިކޮޅާ ގުޅިވަޑައިގެންފައެވެ. އޭގެ ފަހުން އޭނާ ގެންދަވަނީ ގާޒާ ހަނގުރާމައިގައި ނަތަންޔާހޫ އަމަލުކުރައްވާ ގޮތަށް ފާޑުވިދާޅުވަމުންނެވެ. އަދި ނަތަންޔާހޫ އިސްވެ ހުންނަވާ ސަރުކާރެއްގައި ބައިވެރިނުވާނެ ކަމަށް އޭނާ ވަނީ ވައުދުވެވަޑައިގެންފައެވެ.
މީގެ އިތުރުން، ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުގެ ވަޒަންވެރިން ހިންގާ އަނިޔާވެރި އަމަލުތައް އައިޒަންކޮޓް ކުށްވެރިކުރައްވާފައިވާއިރު، ނަތަންޔާހޫގެ އިއްތިހާދުގައި ހިމެނޭ ހަރުކަށި ފިކުރުގެ ބައިވެރިންނާ އޭނާ ވަނީ ދެކޮޅުވެވަޑައިގެންފައެވެ.
އައިޒަންކޮޓަށް ސަރުކާރު އެކުލަވާލެވިއްޖެ ނަމަ، އޭނާ ވެގެންދާނީ މެދުއިރުމައްޗާއި އުތުރު އެފްރިކާގެ ދަރިކޮޅުން އައި ’މިޒްރާހީ‘ ޔަހޫދީންގެ ތެރެއިން އިޒްރޭލުގެ ބޮޑުވަޒީރުކަން ކުރައްވާ ފުރަތަމަ ބޭފުޅާ އަށެވެ. އޭނާއަށް އަގުލަބިއްޔަތު ހޯދުމުގައި ނުކުޅެދިއްޖެ ނަމަ، އެހެން ކެންޑިޑޭޓަކަށް ފުރުސަތު ދެވޭނެ އެވެ. އަދި 100 ދުވަސް ތެރޭގައި ސަރުކާރެއް އެކުލަވާނުލެވިއްޖެ ނަމަ، އަނެއްކާވެސް އާ އިންތިހާބަކަށް ދާންޖެހިދާނެއެވެ.



