މެދުއިރުމަތީގައި ދެމެހެއްޓެނިވި ހަމަޖެހުމާއި ރައްކާތެރިކަން ގާއިމުކުރެވޭނެ ހަމައެކަނި މަގަކީ އިސްރާއީލާއި ފަލަސްތީނުގެ ދެ ދައުލަތް އެކުއެކީގައި އުފެއްދުން ކަމަށާއި، އެ ނޫން އެހެން އެއްވެސް އިޚްތިޔާރެއް ނެތް ކަމަށް އދ. ގެ އަމީން އާންމު އެންޓޯނިއޯ ގުޓެރޭޝް ވިދާޅުވެއްޖެއެވެ.
އދ. ގައި ވާހަކަފުޅު ދައްކަވަމުން ގުޓެރޭޝް ވަނީ ފަލަސްތީނާއި އިސްރާއީލުގެ މައްސަލައަށް ދެ ދައުލަތް އެކުއެކީގައި އޮތުމުގެ ހައްލު (ޓޫ-ސްޓޭޓް ސޮލިއުޝަން) ހޯދައިދިނުމުގެ މުހިންމުކަން އަލުން ތަކުރާރު ކުރައްވާފައެވެ.
އިޖުތިމާއީ މީޑިއާ މަންސަ ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި އަދި އދ. ގައި ދެއްކެވި ވާހަކަފުޅުގެ ވީޑިއޯ ކްލިޕަކާއެކު ގުޓެރޭޝް ވިދާޅުވީ، ”ދެ ދައުލަތުގެ ހައްލަކީ ފަލަސްތީނާއި އިސްރާއީލުގެ އިތުރުން މުޅި ސަރަހައްދަށް ވެސް ދެމެހެއްޓެނިވި އަމަންއަމާންކަމާއި ރައްކާތެރިކަން ހޯދައިދެވޭނެ ހަމައެކަނި އިތުބާރު ހުރި މަގު،“ ކަމަށެވެ. އަދި އަމާޒަކީ ސަރަހައްދީ އިސްތިގުލާލު ލިބިގެންވާ، މިނިވަން، ދިމުގުރާތީ ދެ ދައުލަތް ކަމަށްވާ އިސްރާއީލާއި ފަލަސްތީނު، ސުލްހައާއި ރައްކާތެރިކަމާއެކު އެކީގައި ދިރިއުޅުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މެދުއިރުމަތީގައި ދިގު މުއްދަތުގެ ހަމަޖެހުން ގާއިމުކުރުމަށްޓަކައި، ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ. ގެ ގަރާރުތަކުގެ މައްޗަށް ބިނާވެފައިވާ ސިޔާސީ އޮނިގަނޑަކަށް އެއްބަސްވުމަށް ދުނިޔޭގެ ވެރިންނަށް ގުޓެރޭޝް ވަނީ މުޚާތަބު ކުރައްވައި އިލްތިމާސް ކުރައްވާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މި މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށް ދެ ދައުލަތުގެ ހައްލު ފިޔަވައި އެހެން އެއްވެސް ބަދަލެއް ނެތެވެ.
އދ. އިން ގަބޫލުކުރާ ގޮތުގައި، މި ހައްލުގެ މައިގަނޑު އަމާޒަކީ 1967 ވަނަ އަހަރުގެ ކުރީގެ އިންތަކުގެ މައްޗަށް ބިނާކޮށް، ސަރަހައްދީ މިނިވަންކަން އޮތް ދެ ދައުލަތް ގާއިމުކުރުމެވެ. އަދި މި ދެ ދައުލަތުގެ ވެރިރަށެއްގެ ގޮތުގައި ގުދުސް ހަމަޖެއްސުން ހިމެނޭކަމަށް އދ. އިން ބުނެއެވެ.
ނަމަވެސް، ފަލަސްތީނުގެ ދައުލަތެއް އުފެދުމަށް ހުރަސްއެޅޭ ގޮތަށް ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ހިންގަމުންދާ ޣައިރުގާނޫނީ އަމަލުތަކާމެދު ގުޓެރޭޝް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭގެ ތެރޭގައި އިސްރާއީލުން ޣައިރުގާނޫނީ ވަޒަންވެރިން އާބާދުކުރުމާއި، ވަޒަންވެރިން ހިންގާ އަނިޔާވެރި އަމަލުތަކާއި، ފަލަސްތީނުގެ ބިންތައް ފޭރުމުގެ އިތުރުން ހުޅަނގު ކަރައިގެ ބިންތައް އިސްރާއީލުގެ ދަށަށް ގެންދިއުމަށް ކުރާ އިންޒާރުތައް ހިމެނޭ ކަމަށް އދ. އިން ބުނެއެވެ.
މީގެއިތުރުން، ޣައްޒާއާއި ހުޅަނގު ކަރަ (އިރުމަތީ ގުދުސް ހިމެނޭގޮތަށް) ސިޔާސީގޮތުންނާއި އިގުތިސާދީގޮތުން އަދި ބިމުގެ ގޮތުން އެއްގަލަކަށް އަރުވައި، ފަލަސްތީނުގެ އެކުވެރި ސަރުކާރެއްގެ ދަށަށް ގެންނަންޖެހޭ ކަމަށް އދ. އިން ތަކުރާރުކޮށް ބުނެއެވެ. އަދި ދެ ދައުލަތުގެ ހައްލަށް ހަމައެކަނި ދުލުން ތާއީދުކުރުމުގެ ބަދަލުގައި، ބައިނަލްއަގުވާމީ މުޖުތަމައުން ފަލަސްތީނުގެ މުއައްސަސާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީ، ވަޒަންވެރިން އާބާދުކުރުން ހުއްޓުވުމަށް އަމަލީ ގޮތުން ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް ގުޓެރޭޝް ގޮވާލެއްވިއެވެ.



