- Advertisement -spot_img

އެމެރިކާގެ ޔުނިވާސިޓީއެއް ކައިރީގައި ދިން ބަޑީގެ ޙަމަލާއެއްގައި 5 މީހަކު ޒަޚަމްވެއްޖެ

އެމެރިކާގެ ވާޖިނިއާ ސްޓޭޓް ޔުނިވަރސިޓީ (ވީއެސްޔޫ) ގެ ދަނާލުތައް (ޑޯމިޓަރީ) ކައިރީގައި ހޮނިހިރު ދުވަހުގެ ފަތިހު ދިން ބަޑީގެ ޙަމަލާތަކެއްގައި 5 މީހަކު ޒަޚަމްވެ، ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

މި ހާދިސާއާ ގުޅިގެން ޔުނިވަރސިޓީ ކެމްޕަސް ވަގުތީ ގޮތުން ބަންދުކޮށް (ލޮކްޑައުންކޮށް)، ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ.

ފުލުހުންނަށް މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ އެމެރިކާ ގަޑިން ފަތިހުގެ ވަގުތެެއްގައެވެ. ޙަމަލާދީފައިވަނީ ޔުނިވަރސިޓީގެ ”ކުއަޑް އެނެކްސް“ ކައިރީގައި އޮންނަ ބޮއިސޯ ސްޓްރީޓްގައެވެ. ބަޑީގެ ޙަމަލާތަކުގައި ޒަޚަމްވި 5 މީހުންގެ ތެރެއިން އެކަކުގެ ޙާލަތު ސީރިއަސް ކަމަށް ފުލުހުން ބުނެއެވެ. އަނެއް 4 މީހުންނަށް ލިބިފައިވަނީ ފުރާނައަށް ނުރައްކާނުވާ ވަރުގެ ޒަޚަމްތަކެކެވެ. ޒަޚަމްވި މީހުންގެ ތެރޭގައި މަދުވެގެން ވީއެސްޔޫގެ އެއް ދަރިވަރަކު ހިމެނޭއިރު، އަނެއް 4 މީހުންނަކީ އެ ސަރަޙައްދުގެ އާންމުން ކަމަށް ބެލެވެއެވެ.

ޗެސްޓަރފީލްޑް ކައުންޓީ ފުލުހުން ބުނި ގޮތުގައި މި ޙަމަލާގައި ގިނަ އަދަދެއްގެ ބަޑިޖެހި މީހުން ބައިވެރިވެފައިވެއެވެ. ޙަމަލާދިން މީހުން ހޯދުމުގެ މަސައްކަތް ފުލުހުންނާއި އޭޓީއެފް އިން ދަނީ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް