- Advertisement -spot_img

ސައުދީ އަރަބިއްޔާ، ޕާކިސްތާން އަދި ތުރުކީވިލާތުން ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވުމެއް

ސައުދީ އަރަބިއްޔާ، ޕާކިސްތާން އަދި ތުރުކީވިލާތުން ގުޅިގެން މަސައްކަތް ކުރުމަށް ”މައްކާ ޖޮއިންޓް ޑިފެންސް އެގްރީމަންޓް“ ގެ ނަމުގައި ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި ތާރީޚީ އެއްބަސްވުމުގައި ސޮއިކުރެއްވީ ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން އާއި، ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އަދި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްއެވެ.

މި ބައްދަލުވުން ކުރިއަށްދިޔައީ މުސްލިމުންގެ މުގައްދަސް ސިޓީ ކަމަށްވާ މައްކާގަ އެވެ. މި އެއްބަސްވުމަކީ ސަރަހައްދީ ހަމަނުޖެހުންތަކާއި މިސައިލް ހަމަލާތަކުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައި، އިސްލާމީ ތިން ބާރުގެ މެދުގައި ދިފާއީ ގުޅުން ވަރުގަދަ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި އެއްބަސްވުމުގެ ދަށުން، ތިން ގައުމުގެ ތެރެއިން ކޮންމެ ގައުމަކަށް ދެވޭ ހަމަލާއަކީ ތިން ގައުމަށް ދެވޭ ހަމަލާއެއްގެ ގޮތުގައި ބެލުމަށް ވަނީ ނިންމާފަ އެވެ. ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އެއްވެސް އުދުވާނީ ހަމަލާއަކުން ދިފާއުވުމަށް އޮތް ގާބިލުކަން އިތުރުކުރުން ކަމަށެވެ.

ތުރުކީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މި އެއްބަސްވުމަކީ ހަމައެކަނި ދިފާއީ ބޭނުމަށް ކުރެވުނު ކަމެކެވެ. ”މި އެއްބަސްވުމުގައި ހިމެނެނީ ގުޅިފައިވާ ދިފާއީ މާއްދާއެއް. މިއީ ހަމައެކަނި ދިފާއީ ކަންކަމުގައި އެހީތެރިވުމަށް ވެވުނު އެއްބަސްވުމެއް،“ އޮފިޝަލް ވިދާޅުވި އެވެ. މި އެއްބަސްވުމަކީ ވަކި ގައުމަކާ ދެކޮޅަށް ކުރެވުނު ކަމެއް ނޫން ކަމަށާއި، ސަރަހައްދީ އެހެން ގައުމުތަކަށް ވެސް މި އެއްބަސްވުމުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.

މި ތިން ގައުމަކީ ވެސް އިސްލާމީ ދުނިޔޭގައި ނުފޫޒުގަދަ ތިން ބާރެވެ. ތުރުކީއަކީ ނޭޓޯގެ ދެވަނައަށް އެންމެ ބޮޑު އަސްކަރިއްޔާ އޮތް ގައުމެވެ. ސައުދީ އަރަބިއްޔާއަކީ އިސްލާމްދީނުގެ އެންމެ މުގައްދަސް ބިންތައް ހުރި، އަދި ދުނިޔޭގެ ތެލުގެ ބާޒާރުގައި އެންމެ ނުފޫޒުގަދަ އެއް ގައުމެވެ. އަދި ޕާކިސްތާނަކީ ނިއުކްލިއާ ހަތިޔާރު ހުރި ހަމައެކަނި އިސްލާމީ ގައުމެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައި މިވަނީ ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން ސަރަހައްދީ މަސްރަހު ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ. އީރާނާއި އެގައުމަށް ތާއީދުކުރާ ޖަމާއަތްތަކުން ސައުދީ އަރަބިއްޔާ އާއި ގަލްފުގެ އެހެން ގައުމުތަކަށް އަމާޒުކޮށް ހަމަލާތައް ދެމުންދާއިރު، ހޯމުޒް ކަނޑުއޮޅިން ކުރާ ހަކަތައިގެ ވިޔަފާރިއަށް ވެސް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފަ އެވެ.

ގަލްފް ރިސާޗް ސެންޓަރުގެ ޗެއާމަން އަބްދުލްއަޒީޒް ސަގަރު ވިދާޅުވީ، މި އެއްބަސްވުމުގެ ސިޔާސީ ރަމްޒީ މާނަ ވަރަށް ބޮޑު ކަމަށެވެ. މިއީ ސަރަހައްދީ ބާރުތަކުން އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގުޅިގެން މަސައްކަތް ކުރުމަށް އިސްކަންދޭކަން ހާމަކޮށްދޭ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މި އެއްބަސްވުމުގެ ސަބަބުން ތިން ގައުމުގެ ދިފާއީ އަދި ޑިޕްލޮމެޓިކް ބާރު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ބެލެވެ އެވެ.

ގުޅުންހުރި ލިޔުންތައް