- Advertisement -spot_img

މެލެޝިޔާއިން ފެންނަ އިޒްރޭލު މީހުން ވަގުތުން ޑީޕޯޓްކުރަނީ

މެލޭޝިޔާއިން އިޒްރޭލަކީ ދައުލަތެއްގެ ގޮތުގައި ގަބޫލުނުކުރާ ސިޔާސަތަށް އެއްވެސް ދުލެއް ނުދޭނެ ކަމަށާއި، އެ ގައުމަށް އެތެރެވާ އިޒްރޭލުގެ އެއްވެސް ރައްޔިތަކު ފެނިއްޖެނަމަ ވަގުތުން ޑީޕޯޓްކޮށްލާނެ ކަމަށް ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ބޮޑުވަޒީރު ވިދާޅުވި ގޮތުގައި، މެލޭޝިޔާގައި އިޒްރޭލު ބަޔަކު އުޅޭ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ސަލާމަތީ ހުރިހާ އިދާރާތަކުން ދަނީ ވަރަށް ފުންކޮށް އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

”އަޅުގަނޑުމެން މިދަނީ އެކަން ބަލަމުން. އެފަދަ ކަމަކަށް ފުރުސަތެއް ނުދޭނަން. އިޒްރޭލު މީހަކު ހުރިކަން އެނގިއްޖެނަމަ ފިޔަވަޅު އަޅަންޖެހޭނެ. އަޅުގަނޑުމެން އިޒްރޭލު ގަބޫލުނުކުރާތީ، އެފަދަ މީހަކު ފެނިއްޖެނަމަ ވަގުތުން ފޮނުވާލެވޭނެ،“ ނޫސްވެރިންނާ ވާހަކަދައްކަވަމުން އޭނާ ވިދާޅުވިއެވެ.

ބޮޑުވަޒީރު މިހެން ވިދާޅުވީ، ދެ ގައުމެއްގެ ރައްޔިތުކަން އޮންނަ ލިޔެކިޔުންތައް ބޭނުންކޮށްގެން އިޒްރޭލު ބަޔަކު ޖޮހޯރުން ފެނިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކުރުމާ ގުޅިގެންނެވެ.

މި މައްސަލައާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން އަންވަރު ވިދާޅުވީ، ކަމާބެހޭ އިދާރާތަކުން މި މައްސަލަ ބަލަމުންދާ ކަމަށާއި، މިކަމާ ގުޅޭ ތަފްސީލީ މައުލޫމާތު މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ. ޒަމްބްރީ އަބްދުލް ގާދިރު ދެއްވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ޖޮހޯރުގެ ”ފޮރެސްޓް ސިޓީ“ ގައި ހިންގާ ”ނެޓްވޯކް ސްކޫލް“ ގެ މަސައްކަތްތަކުގައި އިޒްރޭލު ބަޔަކު ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ބަލައިދިނުމަށް އެ ސްޓޭޓްގެ ސަރުކާރުން އިއްޔެ ވަނީ ދާހިލީ ވުޒާރާއަށާއި ކަމާބެހޭ އިދާރާތަކަށް ގޮވާލާފައެވެ.

ޖޮހޯރުގެ ޗީފް މިނިސްޓަރު ހާފިޒް ޣާޒީ ވިދާޅުވީ، އެ މީހުން މެލޭޝިޔާއަށް އެތެރެވީ އެހެން ގައުމެއްގެ ޕާސްޕޯޓް ބޭނުންކޮށްގެން ކަމަށް ބެލެވޭ ކަމަށާއި، މިކަމުގެ ސަބަބުން އާންމުންގެ މެދުގައި ބޮޑު ކަންބޮޑުވުމެއް އުފެދިފައިވާ ކަމަށެވެ.

މީގެ ކުރިން ސޯޝަލް މީޑިއާގައި ވަނީ އިޒްރޭލުގެ ޕާސްޕޯޓާއި އެހެން ގައުމެއްގެ ރައްޔިތުކަން އޮންނަ ބަޔަކު، ވަކި މަގްސަދެއް ހާސިލުކުރުމަށް މެލޭޝިޔާއަށް އެތެރެވާން އުޅޭ ކަމަށް ނުވަތަ އެތެރެވެފައިވާ ކަމަށް ބުނެ އަޑުތައް ފެތުރިފައެވެ.

ގުޅުންހުރި ލިޔުންތައް