ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި ހުންނަ މަގްބޫލު ޕަބެއްގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި މަދުވެގެން 27 މީހުން މަރުވެ، 22 މީހަކު ސީރިއަސް ހާލަތެއްގައި ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.
ބެންކޮކްގެ ޗަޓުޗަކް ޑިސްޓްރިކްޓްގައި ހުންނަ ”ރޮންގް ބިއަރ ނާ ލެޓް ޕްރާއޯ“ ޕަބްގައި މި ހާދިސާ ހިނގާފައިވަނީ އާދީއްތަ ދުވަހުގެ ދަންވަރު 11:57 އެހާކަންހާއިރުއެވެ. މި ހާދިސާއާ ގުޅިގެން ތައިލެންޑުގެ ބޮޑުވަޒީރު އަނުތިން ޗާންވީރަކުލް ވިދާޅުވީ، ހާދިސާ ހިނގި ސަރަހައްދުން މިހާތަނަށް 27 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށާއި، އަދި އަލިފާނުގެ ސަބަބުން އަނިޔާވި އެހެން މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.
ބެންކޮކްގެ ގަވަރުނަރު ޗާޑްޗާޓް ސިއްތިޕުންތު ހާމަކުރެއްވި ގޮތުގައި، ހޮސްޕިޓަލަށް ގެންދެވުނު މީހުންގެ ތެރެއިން 22 މީހެއްގެ ހާލު ހުރީ ފުރާނައަށް ނުރައްކާވާ ފަދަ ސީރިއަސް ހާލަތެއްގައެވެ. މީގެ އިތުރުން ޖުމްލަ 63 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިގެން ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ. އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދިވެސް ތަހުގީގު ކުރަމުންދާއިރު، އެ ވަގުތު ޕަބްގައި ލަވަކިޔަން ހުރި މިއުޒީޝަނަކާ ހަވާލާދީ ބޮޑުވަޒީރު ވިދާޅުވީ، އެންމެ ފުރަތަމަ ދުން އަރަން ފެށީ ސްޓޭޖް ކައިރީގައި ހުރި ސާކިޓް ބްރޭކަރަކުންނެވެ. އެއަށްފަހު މުޅި ތަނުން ކަރަންޓު ކެނޑި، ބާރުގަދަ ގޮވުމެއްގެ އަޑާއެކު މުޅި ތަނަށް ބޯ ދުންތައް ފެތުރިގެން ދިޔައީއެވެ.
ސަލާމަތްވި މީހުން ކިޔައިދިން ގޮތުގައި، އަލިފާން ރޯވުމާއެކު މުޅި ތަން ވަގުތުން ދުމުން ފުރިގެންދިޔުމުގެ ސަބަބުން ގިނަ ބަޔަކު ދުވީ ޕަބްގެ ފަހަތުގައި ހުރި ފާޚާނާތަކާ ދިމާއަށެވެ. ނަމަވެސް އެ ސަރަހައްދުގައި އެއްވެސް އިމަޖެންސީ ފަޔާ އެގްޒިޓެއް (އަލިފާނުން ސަލާމަތްވާން ނުކުންނަ ދޮރެއް) ނެތުމުގެ ސަބަބުން ގިނަ ބަޔަކު ތިބީ ތާށިވެފައެވެ. މަރުވި މީހުންގެ ތެރެއިން ގިނަ ހަށިގަނޑުތައް ފެނިފައިވަނީ ވެސް އެ ފާޚާނާތަކުގެ ތެރެއިންނެވެ.
ބެންކޮކްގެ ގަވަރުނަރު ވިދާޅުވި ގޮތުގައި އެ ޕަބަކީ ގަވާއިދުން ހުއްދަތައް ނަގައިގެން ހިންގަމުން އައި ތަނެއް ނަމަވެސް، އަލިފާން ފެތުރިގަތްލެން އަވަސްކަމުންނާއި ދުމުގެ ސަބަބުން މީހުންނަށް ބޭރަށް ނުކުންނަން އުނދަގޫވީއެވެ. ހާދިސާ ހިނގި ސަރަހައްދަށް ދިޔަ ފަޔަރ ފައިޓަރުން ބުނި ގޮތުގައި، ތަނުގައި ރޯވި އަލިފާނަށްވުރެ ބޮޑަށް މީހުންނަށް ނުރައްކާވީ މުޅި ތަނަށް ފެތުރިފައި ހުރި ކާބަންޑައިއޮކްސައިޑާއި ބޯ ދުމުގެ ސަބަބުން ނޭވާ ހާސްވެގެންނެވެ.
ވަރަށް ގިނަ ދިވެހިންވެސް ގޮސް އުޅޭ ބެންކޮކްގައި މިފަދަ ޕަބްތައް އާއްމުކޮށް ހުންނައިރު، އާދައިގެ ބާ ތަކާ ޚިލާފަށް، ޕަބްތައް ފަރުމާކޮށްފައި ހުންނަނީ ބިއަރާއި، ރާއާއި، އެކި ބާވަތްތަކުގެ އަލްކަހޮލް އެކުލެވޭ ބުއިންތަކުގެ އިތުރުންގޭގެ ސިޓިންގރޫމެއް ފަދަ އާއިލީ މާހައުލެއްގައި ރައްޓެހިންނާ ބައްދަލުކޮށް، ވާހަކަދައްކާލައި، ލައިވް މިއުޒިކާއި އެކި ކަހަލަ ކުޅިވަރުތަކުން މުނިފޫހިފިލުވައި ހަމަޖެހިލެވޭނެ ފަދަ އިޖުތިމާއީ ގޮތަކަށެވެ.



