ސްރީލަންކާގެ ހުޅަނގުގައި ހުންނަ ޖަލެއްގައި ހިނގި ހަމަނުޖެހުންތަކެއްގައި މަދުވެގެން 26 މީހުން މަރުވެ، 100 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.
މަރުވި މީހުންގެ ތެރޭގައި ޖަލު ބަލަހައްޓާ ހަތަރު ގާޑުން ހިމެނެއެވެ.
ކޮޅުނބުގެ އުތުރުން އޮންނަ އައްސޭރިފަށުގެ ރަށެއް ކަމަށްވާ ނިގަމްބޯގެ ޖަލުގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ހަމަނުޖެހުންތައް ފެށުނީ ގައިދީންގެ ދެ ގުރޫޕެއްގެ މެދުގައި ހިނގި ކުރިމަތިލުންތަކަކުންނެވެ.
އާދީއްތަ ދުވަހު ގައިދީން ޖަލުގެ ބަޑިތައް އަތުލައިގަތް ކަމަށް ތުހުމަތު ކުރެވެ އެވެ. އެ ދުވަހު ދެ މީހަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވި އެވެ. އޭގެ ފަހުން، ފިރިހެން ގައިދީންގެ ގުރޫޕުތަކާއި، ޖެހިގެން ހުރި ޔުނިޓެއްގައި ތިބި އަންހެން ގައިދީން ޖަލުގެ ފުރާޅުތަކަށް އަރައި، އެމީހުން މިނިވަން ކުރުމަށް ގޮވާލާފައިވެއެވެ.
މި ހަމަނުޖެހުންތައް އަލުން ފެށުނީ ހޯމަ ދުވަހު ގައިދީން ޖަލުގެ ގޭޓުތަކުން ނުކުންނަން މަސައްކަތް ކުރުމާ ގުޅިގެންނެވެ. އެއާއެކު ސަލާމަތީ ބާރުތަކުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފެށިއިރު، ޖަލުގެ އެތެރެއިން ބަޑީގެ ގިނަ އަޑުތަކެއް ވަނީ އިވިފައެވެ.
މި ހަމަނުޖެހުންތައް ހިނގަން މެދުވެރިވީ، ޖަލުގެ އެތެރޭގައި ހިންގާ މަސްތުވާތަކެތީގެ ވިޔަފާރިއެއްގެ މައުލޫމާތު ގައިދީއަކު ކަމާބެހޭ ފަރާތްތަކަށް ދިނުމާ ގުޅިގެން އުފެދުނު ދެބަސްވުމެއްގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެއެވެ. ޒަޚަމްވި ބައެއް މީހުން ނިގަމްބޯ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، ބައެއް މީހުންގެ ހަށިގަނޑަށް ވަޒަން އަރާފައިވާ ކަމަށާއި، އަނެއް ބަޔަކު ޒަޚަމްވެފައިވަނީ ތޫނު އެއްޗެހިން ދީފައިވާ ހަމަލާތަކުގެ ސަބަބުން ކަމަށް އެ ހޮސްޕިޓަލުގެ ޑިރެކްޓަރު އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވި އެވެ. މީގެ އިތުރުން ބައެއް މީހުން ވަނީ ކޮޅުނބު ނޭޝަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.
މި ހާދިސާގެ ތެރޭގައި ޖަލުގެ ފުރާޅުގެ ބައެއް ވެއްޓި، އެތަނުގައި ތިބި ބައެއް އަންހެން ގައިދީންނަށް އަނިޔާވެފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ އޭއެފްޕީން ރިޕޯޓުކޮށްފައިވެއެވެ. ހޯމަ ދުވަހު ހާދިސާ ހިނގަމުންދިޔަ ވަގުތު، ގައިދީންގެ އާއިލާތަކުގެ ގިނަ ބަޔަކު ޖަލު ސަރަހައްދަށް އެއްވިއެވެ. އޭގެ ތެރެއިން ބައެއް މީހުން ބީބީސީ ސިންހަޅަ ސާވިސްއަށް މައުލޫމާތު ދެމުން ބުނީ، އެމީހުންގެ އާއިލާގެ މީހުން ތިބީ ކޮންތާކު ކަމެއް ނުވަތަ ދުނިޔޭގައި ތިބީ ކޮން ބައެއް ކަމެއް އަދި މަރުވީ ކޮން ބައެއް ކަމުގެ އެއްވެސް މައުލޫމާތެއް ކަމާބެހޭ ފަރާތްތަކުން ހިއްސާކޮށްފައި ނުވާ ކަމަށެވެ.



