- Advertisement -spot_img

އިޒްރޭލާއި އެމެރިކާއިން އަވަހާރަކޮށްލި އީރާނުގެ ކުރީގެ ރޫހާނީ ލީޑަރު ހާމަނާއީގެ ޖަނާޒާ ފަށައިފި

އިޒްރޭލާއި އެމެރިކާއިން ހަމަލާދީ އަވަހާރަކޮށްލި، އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވިތާ ހަތަރު މަހަށް ވުރެ ގިނަ ދުވަސް ފަހުން، ޖަނާޒާ ފަށައިފިއެވެ.

މި ޖަނާޒާ ބާއްވަން އެންމެ ފުރަތަމަ ރޭވީ މާޗް މަހުއެވެ. ނަމަވެސް، ފެބްރުއަރީ މަހު އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާތަކުގައި ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން މެދުއިރުމަތީގައި ފެށުނު ހަނގުރާމައިގެ ސަބަބުން ޖަނާޒާ ފަސްކުރީއެވެ.

އަލީ ޚާމަނާއީ އަވަހާރަކޮށްލުމުން، އޭނާގެ ދަރިކަލުން މުޖްތަބާ ޚާމަނާއީ ވަނީ މާޗް މަހުގެ ކުރީކޮޅު އީރާނުގެ އާ ރޫހީ ލީޑަރުގެ ގޮތުގައި މަގާމާ ހަވާލުވެވަޑައިގެންފަ އެވެ. މިއީ 1979 ވަނަ އަހަރު އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާ ގާއިމުކުރި ފަހުން މި މަގާމު ފުރުއްވާ ތިންވަނަ ބޭފުޅާއެވެ.

ހަފުތާއަކަށް ދިގުދެމިގެންދާ ޚާމަނާއީގެ ޖަނާޒާއާ ދިމާކޮށް، ތެހެރާނުގައި ގިނަ އަދަދެއްގެ ފުލުހުންނާއި ސިފައިން ދަނީ މަގުތަކަށް ނުކުމެ، ސަލާމަތީ ކަންކަން ބަލަހައްޓަމުންނެވެ. އަދި ޖަނާޒާ ކުރިއަށްދަނިކޮށް، އެއްވެސް ހަމަލާއެއް ނުދިނުމަށް އީރާނުން ވަނީ އެމެރިކާ އާއި އިޒްރޭލަށް އިންޒާރުދީފައެވެ.

ޚާމަނާއީ ހަށިގަނޑު އަންނަ ބުރާސްފަތި ދުވަހު އެމަނިކުފާނުގެ އުފަން ރަށް މަޝްހާދުގައި ވަޅުލުމުގެ ކުރިން، ކުރިއަށްގެންދާ ހާއްސަ ހަރަކާތްތައް މިއަދުން ފެށިގެން ތެހެރާނުގެ ގްރޭންޑް މޮސާލާގައި ކުރިއަށްދާނެއެވެ.

މި ޖަނާޒާއާ ގުޅޭ ހަރަކާތަތައް ހަތް ދުވަހަށް ކުރިއަށްދާއިރު، މިއަދު ކުރިއަށް ދަނީ ގައުމުތަކުގެ ވެރިންނަށް ހާއްސަ ރަސްމިއްޔާތެވެ. އެ ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް ގައުމުތަކުގެ ވެރިން މިހާރުވެސް ދަނީ އީރާނަށް ވަޑައިގަންނަވަމުންނެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އަވަހާރަކޮށްލި ޚާމަނާއީގެ ހަށިކޮޅު މިވަގުތު ބާއްވާފައި އޮތީ އީރާނުގެ ވެރިރަށް ތެހެރާނުގަ އެވެ. ޚާމަނާއީއަށް އަލްވަދާޢު ކިޔުމަށް އެތަކެއް ހާސްބަޔަކު ވަނީ ތެހެރާނުގެ އެ ސަރަހައްދަށް ޖަމާވެފައެވެ.

އެއަށްފަހު ޚާމަނާއީގެ ހަށިކޮޅު އީރާނާއި އިރާގުގެ ޝިއައީންގެ މައި ސަހަރުތައް ކަމަށްވާ ގުމް، ނަޖަފް އަދި ކަރްބަލާއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. ރަސްމީ އިއްޒަތުގައި ޚާމަނާއީ ފަސްދާނުލުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު، ޝިއައީގެ މުގައްދަސު މަޝްހަދުގައެވެ.

ޖުލައި 4 އަދި 5 އަކީ ތެހެރާން ބަންދު ދުވަހެއް ކަމަށް ހަމަޖައްސާފައި ވާއިރު ޖަނާޒާ އޮންނަ ހަ ވަނަ ދުވަހު މުޅި އީރާން ބަންދުކުރަން ވަނީ ނިންމައިފައެވެ.

އީރާންގެ ކަމާބެހޭ ފަރާތްތަކުން ލަފާކުރާ ގޮތުގައި މި ރަސްމިއްޔާތުތަކުގައި ގާތްގަނޑަކަށް 20 މިލިއަން މީހުން ބައިވެރިވާނެއެވެ.

ގުޅުންހުރި ލިޔުންތައް