އީރާނާއެކު އަންނަ ހަފްތާގައި އެއްބަސްވުމެއް ހެދޭނޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
އެމެރިކާގެ ރައީސް މިހެން ބުނެފައިވަނީ، އޭބީސީއަށް ދިން އިންޓަރވިއުއެއްގައެވެ.
ޓްރަމްޕް ބުނީ، ހަނގުރާމަ ހުއްޓާލާފައި އޮތް މުއްދަތު އިތުރުކުރުމާއި، ހޮރްމޫޒު ހުޅުވުމާ ގުޅޭގޮތުން އީރާނާއެކު ހަދާ އެމްއޯޔޫއަށް އޭނާ އަދި އެއްބަސް ނުވާ ކަމަށާއި، އެއީ، އޭނާގެ ފަރާތުން ހުށަހަޅާ އިތުރު ކަންތައްތަކެއް އަދި ހުރުމުން ކަމަށެވެ. އެހެން ނަމަވެސް، އަންނަ ހަފްތާގައި އެއްބަސްވުމެއް ހެދިގެންދާނޭ ކަމަށް އެމެރިކާގެ ރައީސް ބުނެފައި ވެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިކަމާ ގުޅޭގޮތުން ވާހަކަ ދައްކާފައި މިވަނީ، އެމެރިކާއާއެކު ދައްކަމުންދިޔަ ހުރިހާ ވާހަކަތަކެއް މެދުކަނޑާލާފައިވާކަން އީރާނުން ހާމަކޮށްފައި ވަނިކޮށެވެ. މިކަން ހާމަކޮށްފައިވަނީ އީރާނު ސަރުކާރުގެ ތަސްނިމް ނިއުސް އޭޖެންސީންނެވެ.
އީރާނު ސަރުކާރުގެ އިސް އޮފިޝަލުންނާ ހަވާލާދީ ތަސްނިމް ނިއުސް އޭޖެންސީން ބުނެފައިވަނީ، އިސްރާއީލުން ލުބުނާނުގެ ވެރިރަށް ބެއިރޫތަށް ދިނުމަށް ރާވަމުންދާ އުދުވާނީ ހަމަލާތައް ހުއްޓާނުލައިފިނަމަ އެމެރިކާއާ އެއްވެސް ވާހަކައެއް ދެއްކުމެއް ނެތް ކަމަށެވެ.
މި ވާހަކަތައް މިގޮތަށް ދެކެވޭން ފެށުމުން ޓްރަމްޕް ބުނީ، އީރާނުން ވާހަކަ ނުދެއްކިޔަސް އޭނާއަށް އެންމެ ރަނގަޅު ކަމަށާއި، އީރާނު އެނބުރި ވާހަކަތަކަށް އަންނަންދެން އެމެރިކާ މަޑުކުރާނޭ ކަމަށެވެ.
އީރާނުން އެމެރިކާއާ ވާހަކަ ނުދެއްކުމުގެ މާނައަކީ އެމެރިކާ ސިފައިންގޮސް އީރާނަށް ބޮންއެޅުން ނޫން ކަމަށާއި، އެމެރިކާއިން ކުރާނެ ކަމަކީ ބްލޮކޭޑް ދެމެހެއްޓުން ކަމަށެވެ. އޭގެ ސަބަބުން އީރާނަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަމަށްވެސް ޓްރަމްޕް ބުނެފައި ވެއެވެ.



