- Advertisement -spot_img

އެއްބަސްވުމަކަށް އާދެވެންދެން ހޮރްމުޒް ކަނޑުއޮޅި ބަންދުވާނެކަމަށް ޓްރަމްޕް ބުނެފި

އެމެރިކާއާއި އީރާނާ ދެމެދު މިހާރު ކުރިއަށްދާ މަޝްވަރާތަކުގައި ރަސްމީކޮށް ސޮއިކޮށް، ވަކި ގޮތަކަށް އެއްބަސްވުމަކަށް އާދެވެންދެން، އީރާނުގެ ބަނދަރުތަކަށް އަޅާފައިވާ ކަނޑުގެ ބްލޮކޭޑް (ހުރަސްތައް) އެގޮތުގައި ދަމަހައްޓާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ޓްރަމްޕްގެ އަމިއްލަ މީސްމީޑިއާ ޕްލެޓްފޯމް ”ޓްރުތް ސޯޝަލް“ ގައި ކުރި ޕޯސްޓެއްގައި ފާހަގަކުރި ގޮތުގައި، ދެގައުމުގެ ދެމެދުގައި ކުރިއަށްދާ ވާހަކަތަކަކީ އިންތިޒާމުވެފައިވާ، ބިނާކުރުވަނިވި ވާހަކަތަކެކެވެ. ނަމަވެސް، މި ވާހަކަތަކުގައި އަވަސްއަރުވާނުލުމަށް އޭނާގެ މަންދޫބުންނަށް އަންގާފައިވާނެ ކަމަށާއި، މި ދަނޑިވަޅުގައި ވަގުތާއި މަސްލަހަތު އޮތީ އެމެރިކާގެ ކޮޅުގައި ކަމަށް ޓްރަމްޕް ބުންޏެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ މީޑިއާއަށް ދެއްވި ބަޔާނަށް ތާއީދުކުރަމުން ރައީސް ޓްރަމްޕް އިތުރަށް ބުނީ، އެއްވެސް ހާލަތެއްގައި އީރާނަށް ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ނުވަތަ ހޯދުމުގެ ފުރުސަތު އެމެރިކާއިން ނުދޭނެ ކަމަށެވެ. އަދި މިހާރު ކުރިއަށްދާ މަޝްވަރާތަކުގެ ސަބަބުން ދެގައުމުގެ ގުޅުން ކުރިއަށްވުރެ ހަރުދަނާވެ، ނަތީޖާ ނެރެވޭނެ މަގަށް ބަދަލުވަމުންދާކަން އޭނާ ފާހަގަކުރިއެވެ. މީގެ އިތުރުން، މި މައްސަލައިގައި މެދުއިރުމަތީގެ ގައުމުތަކުން ދެމުންދާ އެއްބާރުލުމަށް ޓްރަމްޕް ވަނީ ޝުކުރު އަދާކޮށްފައެވެ.

ހަމައެއާއެކު، 2015 ވަނަ އަހަރު އޮބާމާގެ ސަރުކާރުން އީރާނާއެކު ވެފައިވާ ނިއުކްލިއާ އެއްބަސްވުމަށް ފާޑުކިޔަމުން، އެއީ މިހާތަނަށް އެމެރިކާއިން ހެދި އެންމެ ގޯސް އެއްބަސްވުން ކަމަށް ޓްރަމްޕް ސިފަކުރިއެވެ.

ބައިނަލްއަގުވާމީ ރިޕޯޓްތައް ބުނާގޮތުގައި މި މަޝްވަރާތަކުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. އީރާނުގެ ހިފަހައްޓާފައިވާ ފައިސާ ދޫކުރުމާއި، ލުބުނާނުގައި ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން އެމެރިކާއިން ކުރިން އެއްބަސްވި ބައެއް ކަންކަމުން ފަހަތަށް ޖެހެމުންދާ ކަމަށް އީރާނުން ތުހުމަތުކުރެއެވެ.

އަލްޖަޒީރާގެ ރިޕޯޓްތަކުން އެނގޭގޮތުގައި، ލުބުނާނުގައި އިސްރާއީލުން އިތުރު އަސްކަރީ އޮޕަރޭޝަންތައް ހިންގުމަށް މަގުފަހިވާ ފަދަ މާއްދާތަކެއް އެއްބަސްވުމުގައި ހިމެނުމަށް އިސްރާއީލުން ދަނީ އެމެރިކާއަށް ބާރުއަޅަމުންނެވެ. ނަމަވެސް، އީރާނުން ބުނަމުންދަނީ ހުރިހާ މާއްދާތަކަކަށް ފުރިހަމައަށް އެއްބަސްވެ، ބައިނަލްއަގުވާމީ ގެރެންޓީ ނުލިބެނީސް މި އެއްބަސްވުމުގައި ސޮއިނުކުރާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް