ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) އިން އޭނާ ހައްޔަރުކުރުމުގެ ސިއްރު އަމުރެއް ނެރެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އިސްރާއީލުގެ ޖައްބާރު ފިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް އަންގާރަ ދުވަހު ބުނެފިއެވެ.
ސްމޮޓްރިޗް މިހެން ބުނީ ޔެޑިއޮތް އަހްރޮނޮތް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ސްމޮޓްރިޗް ބުނި ގޮތުގައި ހޭގްގައި ހުންނަ އެ ކޯޓުގެ ޕްރޮސެކިއުޓަރު އޭނާއާ ދެކޮޅަށް ސިއްރު ހައްޔަރު އަމުރެއް ނެރުމަށް އެދިފައިވާ ކަމުގެ މައުލޫމާތު އޭނާއަށް ވަނީ ލިބިފައެވެ. އޭނާ ވަނީ މި އަމުރަކީ ”ހަނގުރާމަ އިއުލާން ކުރުން“ ކަމަށް ސިފަކޮށް، މިއީ ދަތިކުރުމުގެ ފިޔަވަޅުތަކާއި ހައްޔަރު އަމުރުތަކުގެ ޒަރީއާއިން އިސްރާއީލުގެ ސަލާމަތީ ސިޔާސަތުތަކަށް ހުރަސް އެޅުމަށް ކުރާ މަސައްކަތެއް ކަމަށް ބުނެފައެވެ.
މި މައްސަލައާ ގުޅިގެން ސްމޮޓްރިޗް އިތުރަށް ބުނީ، އިސްރާއީލާ ދެކޮޅަށް ތައައްސަބު ގެންގުޅޭ ފަރާތްތަކުގެ ބަހަށް އިސްރާއީލުން ތަބާނުވާނެ ކަމަށެވެ. އަދި ޔޫރަޕްގެ ގިނަ ގައުމުތަކަކީ އިސްރާއީލަށް ލޯބިކުރާ ބައެއް ނޫން ކަމަށާއި، ދެފުށްދެގޮތް އުސޫލުތަކަކީ އެ ގައުމުތަކުގެ ސިފައެއް ކަމަށް އޭނާ ތުހުމަތު ކުރިއެވެ.
މިދިޔަ ހޯމަ ދުވަހު މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ހިފާފައިވާ ހުޅަނގު އައްސޭރީގައި ފަލަސްތީނު މީހުންނާ ދެކޮޅަށް ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގި ކަމުގެ ތުހުމަތުގައި ސްމޮޓްރިޗްގެ އިތުރުން އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓަމާ ބެން-ގްވީރު ހައްޔަރުކުރުމުގެ އަމުރަކަށް ވެސް ވަނީ އެދިފައެވެ. މީގެ އިތުރުން އިސްރާއީލުގެ އަސްކަރިއްޔާގެ ތިން އޮފިޝަލަކާއި ދެ ސިޔާސީ މީހަކު ހައްޔަރުކުރުމުގެ އަމުރަށް ޕްރޮސެކިއުޓަރު އެދިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ހައްޔަރު އަމުރުގެ މައުލޫމާތު ލިބުމާއެކު، ސްމޮޓްރިޗް ވަނީ ހުޅަނގު އައްސޭރީގައި އޮންނަ ފަލަސްތީނުގެ ބެޑުއިން އަވަށެއް ކަމަށްވާ ޚާން އަލް-އަހްމަރު ހުސްކުރުމުގެ އަމުރަކަށް ބާރުއަޅާނެ ކަމަށް ބުނެފައެވެ. އޭނާ ވަނީ ހުޅަނގު އައްސޭރީގައި 100 އަށްވުރެ ގިނަ އާ ވަޒަންވެރިވުންތަކާއި 160 ދަނޑުވެރިކަމުގެ ފާމްތައް ގާއިމުކޮށްފައިވާ ކަމަށް ބުނެ ފަޚުރުވެރިވެފައެވެ.
ޚާން އަލް-އަހްމަރު އަވަށަކީ އިސްރާއީލުގެ ޣައިރު ގާނޫނީ ”އީ-1“ މަޝްރޫއުގެ ދަށުން ހުސްކުރަން މަސައްކަތް ކުރަމުންދާ ސަރަހައްދެކެވެ. މި މަޝްރޫއުގެ މަގްސަދަކީ ގުދުސްގެ އިރުމަތީ ސަރަހައްދު ފަލަސްތީނުގެ އެހެން ސަރަހައްދުތަކާ ވަކިކޮށް، ހުޅަނގު އައްސޭރި ދެބައިކޮށްލުމެވެ. މި މަޝްރޫއަށް ބައިނަލްއަގުވާމީ މުޖުތަމައުން ބޮޑު ދެކޮޅުވެރިކަމެއް އޮތީ މިއީ ދެ ދައުލަތުގެ ހައްލަށް އޮތް ހުރަހަކަށް ވާތީއެވެ.



