- Advertisement -spot_img

އީރާނާ ދެކޮޅަށް އަލުން ހަނގުރާމަ ފެށުމާއި ގުޅޭގޮތުން ޔަހޫދީން މަޝްވަރާ ކޮށްފި

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާދީއްތަ ދުވަހު ފޯނުން ގުޅައި، އީރާނާ ދެކޮޅަށް އަލުން ހަނގުރާމަ ފެށުމުގެ ފުރުސަތުތަކާ ބެހޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

އިސްރާއީލުގެ ޗެނަލް 7 އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، 30 މިނެޓަށް ވުރެ ގިނަ އިރަށް ދެމިގެންދިޔަ މި ފޯނު ކޯލުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ”އީރާނުގައި އަލުން ހަނގުރާމަ ފެށުމުގެ ފުރުސަތު އޮތް މިންވަރާ“ ބެހޭގޮތުންނެވެ.

މި މަޝްވަރާތައް ކުރިއަށް ގޮސްފައިވަނީ އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓްގެ ބައްދަލުވުމެއް ފެށުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ކަމަށް “ޔެދިއޮތް އަހްރޮނޮތް“ ނޫހުން ބުނެއެވެ.

މި ބައްދަލުވުމުގައި ޓްރަމްޕް ވަނީ މިދިޔަ މެއި މަހުގެ 13 އިން 15 އަށް ޗައިނާއަށް ކުރި ދަތުރުގެ ނަތީޖާއާ ބެހޭގޮތުން ނަތަންޔާހޫއަށް މައުލޫމާތު ދީފައެެވެ. މީގެ އިތުރުން އީރާނުގެ މައްސަލައާ ގުޅުންހުރި އެންމެ ފަހުގެ ކުރިއެރުންތަކާ ބެހޭގޮތުން ވެސް އެ ދެމީހުން ވާހަކަ ދެއްކި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިސްރާއީލުގެ މަސްދަރަކާ ހަވާލާދީ ނޫސްތަކުން ބުނެފައިވަނީ އީރާނަށް ހަމަލާދިނުމުގެ މައްސަލައިގައި އަދި ވަކި ގޮތެއް ނުނިމޭ ކަމަށެވެ.

”ޓްރަމްޕް މިކަމުގައި ގޮތެއް ނިންމަން ޖެހޭ. އޭނާ އަލުން ހަނގުރާމަ ފެށުމަށް ނިންމަވައިފިނަމަ، އިސްރާއީލުން އެކަމުގައި ބައިވެރިވުމަށް އެދޭނެ ކަމަށް ބެލެވޭ،“ އެ މަސްދަރުން ބުނެފައިވެއެވެ.

މި ފޯނު ކޯލަށްފަހު ޓްރަމްޕް ވަނީ އޭނާގެ ’ޓްރުތް ސޯޝަލް‘ ޕްލެޓްފޯމުގައި އީރާނަށް ވަރުގަދަ އިންޒާރެއް ދީފައެވެ.

”އީރާނަށް އޮތް ވަގުތު ކުޑަތަންވަނީ. އެމީހުން އަވަހަށް ފިޔަވަޅު އެޅުން މުހިންމު، އެހެން ނޫންނަމަ އެމީހުންގެ އެއްވެސް ނިޝާނެއް ބާކީ ނޯންނާނެ،“ ޓްރަމްޕް ބުނެފަވެއެވެ.

މިދިޔަ ފެބްރުއަރީ މަހު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން ސަރަހައްދީ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. އޭޕްރިލް 8 ވަނަ ދުވަހުން ފެށިގެން ޕާކިސްތާނުގެ މެދުވެރިކަމާއެކު ހަމަލާ ބަދަލުކުރުން ހުއްޓާލާފައި އޮތް ނަމަވެސް، ދާއިމީ އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް