އެމެރިކާއިން އީރާނަށް އަލުން އަސްކަރީ ހަމަލާއެއް ދީފިނަމަ، އެމެރިކާގެ ތަންތަނަށް ”ވަރުގަދަ އަދި ދިގުދެމިގެންދާ“ ރައްދެއް ދޭނެ ކަމަށް ބުނެ އީރާނުން އިންޒާރު ދީފިއެވެ.
މި ނުތަނަވަސްކަމާ ގުޅިގެން ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގުތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް އަންނަން ފަށާފައެވެ.
މީގެ އިތުރުން ހޯރްމޫޒް ކަނޑުއޮޅި އޮތީ އީރާނުގެ ބާރުގެ ދަށުގައި ކަމަށް ބުނާ ބުނުން ތަކުރާރުކޮށް، އެ ސަރަހައްދު ހުޅުވުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކަށް އީރާނުން ވަނީ ހުރަސްއަޅާފައެވެ.
އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ދެ މަސް ފާއިތުވެފައިވާއިރު، ދުނިޔޭގެ ތެލާއި ގޭހުގެ 20 އިންސައްތަ ސަޕްލައި ކުރާ މުހިންމު ކަނޑުއޮޅި އަދިވެސް އޮތީ ބަންދުކޮށްފައެވެ. މީގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް އުފުލި، އިގްތިސާދީ ހީނަރުކަމެއް އަތުވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. އޭޕްރީލް 8 އިން ފެށިގެން ހަމަލާބަދަލުކުރުން ހުއްޓާލާފައި އޮތް ނަމަވެސް، އީރާނުގެ ތެޔޮ އެކްސްޕޯޓް ކުރުން އެމެރިކާއިން ހުއްޓުވާފައިވާތީ، އީރާނުން ދަނީ ކަނޑުއޮޅި ބަންދުކޮށްގެން ހިފަހައްޓަމުންނެވެ.
އީރާނާއެކު މަޝްވަރާ ކުރުމަށް މަޖުބޫރު ކުރުވުމުގެ ގޮތުން އީރާނަށް އަމާޒުކޮށް އާ އަސްކަރީ ހަމަލާތަކެއް ދިނުމުގެ ރޭވުންތަކާ ގުޅޭ މައުލޫމާތު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ބުރާސްފަތި ދުވަހު އެރުވުމަށް ވަނީ ހަމަޖެހިފައެވެ. މި ހަބަރާއެކު ދުނިޔޭގެ ބާޒާރުގައި ބްރެންޓް ކްރޫޑް ތެލުގެ ފީފާއެއްގެ އަގު 126 ޑޮލަރަށް އުފުލިގެން ދިޔައެވެ. ނަމަވެސް ފަހުން އަގުތައް ވަނީ 114 ޑޮލަރަށް ތިރިވެފައެވެ.
އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވިދާޅުވީ، އެމެރިކާއާއެކު ކުރެވޭ މަޝްވަރާތަކުން އަވަސް ނަތީޖާއެއް ފެންނާނެ ކަމަށް އުންމީދު ކުރުމަކީ ހަގީގަތާ އެއްގޮތް ކަމެއް ނޫން ކަމަށެވެ. މިދަނޑިވަޅުގައި އީރާނުގެ ވެރިރަށް ތެހެރާންގެ ބައެއް ސަރަހައްދުތަކުން ވައިގެ ދިފާއީ ނިޒާމުގެ އަޑުތައް އިވިފައިވާ ކަމަށާއި، ކުދި ޑްރޯންތަކެއް ހުއްޓުވުމަށް މަސައްކަތް ކޮށްފައިވާ ކަމަށް އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.
މި ނުތަނަވަސްކަމާ ގުޅިގެން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވަނީ އެގައުމުގެ ރައްޔިތުން އީރާނާއި، ލުބުނާން އަދި އިރާގަށް ދަތުރުކުރުން މަނާކޮށްފައެވެ. އަދި މިހާރު އެ ގައުމުތަކުގައި ތިބި ޔޫއޭއީގެ ރައްޔިތުން ވަގުތުން އެނބުރި ގައުމަށް ދިއުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ އިސް އޮފިޝަލަކު އިންޒާރު ދެއްވި ގޮތުގައި، އެމެރިކާއިން ދޭ ކޮންމެ ހަމަލާއަކަށް ވަރުގަދަ ރައްދެއް ދޭނެއެވެ.
”އަހަރެމެން ވާނީ ތިޔަބައިމީހުންގެ ސަރަހައްދީ ބޭސްތަކަށް ވީގޮތް ދައްކާލާފައި، ކުރިއަށް އޮތް ތަނުގައި ތިޔަބައިމީހުންގެ މަނަވަރުތަކަށް ވެސް ވާނީ ހަމަ އެފަދަ ގޮތެއް،“ އީރާނުގެ އެއަރޯސްޕޭސް ފޯސްގެ ކޮމާންޑަރު މަޖީދު މޫސަވީ ވިދާޅުވިއެވެ.
ރައީސް ޓްރަމްޕް ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނެފައި ވަނީ، އީރާނަށް ނިއުކްލިއާ ހަތިޔާރު ހޯދުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ހަނގުރާމަ ނިމުމާއެކު ތެލުގެ އަގު ވަރަށް ބޮޑަށް ދަށަށް ދާނެ ކަމަށް ވެސް އޭނާ ބުނެފަވެއެވެ.



