ދުވާފަރު ކައުންސިލުގެ ”ދުވާފަރު ދަންޑަހެލު ކަޕް 2025“ ގެ ފައިނަލުގައި އިލެވެން އެޓޭކާރސް އާއި ސިލްވަރ ޔުނައިޓެޑް ކުޅުނު ފައިނަލް މެޗު ވާދަވެރި ކުޅުމަކަށްފަހު، ސިލްވަރ ޔުނައިޓެޑް އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ. މިއީ މިމުބާރާތް ސިލްވަރ ޔުނައިޓެޑުން ކާމިޔާބުކުރި ދެވަނަ ފަހަރެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ފޯރިގަދަ ފައިނަލް މެޗުގައި ފުރަތަމަ ގޯލްކާމިޔާބުކޮށް ދިނީ މެޗުގެ 33 ވަނަ މިނެޓުގައި ސިލްވަރ ޔުނައިޓެޑްގެ ޖާޒީ ނަންބަރު 98 އަލީ ނަޒްމީއެވެ. ސިލްވަރ ޔުނައިޓެޑްގެ ދެވަނަ ގޯލް ކާމިޔާބުކޮށް ދިނީ މެޗުގެ 46 ވަނަ މިނެޓުގައި ނެގި ކޯނަރ ކިކެއް ގޯލަށް ވައްދާލައިގެންނެވެ. މިމެޗުގައި އިލެވެން އެޓޭކާރސްއިން ޖެހި ހަމަ އެކަނި ގޯލް ކާމިޔާބުކުރީ މެޗުގެ 92 ވަނަ މިނެޓުގައެވެ. މިގޯލާއި އެކު މެޗު ނިމިގެންދިޔައީ 1-2 ގެ ނަތީޖާއަކުން ސިލްވަރ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.
މި މެޗު ނިމުމާއި އެކު ވަނީ މުބާރާތް ޗެމްޕިއަން ޓީމާއި އެކި ވަނަތައް ލިބުނު ފަރާތްތަކަށް ޓްރޮޕީ ހަވާލުކުރުމުގެ ރަސްމިޔާތު ބާއްވާފައެވެ. އެގޮތުން މިޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ސިލްވަރ ޔުނައިޓެޑް ޖާޒީ ނަންބަރު 30 މުހައްމަދު އިސާމް އެވެ. މި މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވިފައިވަނީ ސިލްވަރ ޔުނައިޓެޑްގެ ގޯލް ބެލެހެއްޓި މުހައްމަދު އަސްވާން އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ޑިފެންޑަރަކަށް ހޮވިފައިވަނީ ސިލްވަރ ޔުނައިޓެޑުގެ ޖާޒީ ނަންބަރު 63 އިސްމާއިލް އަހްމަދުއެވެ. މުބާރާތުގެ އެންމެ މޮޅު މިޑްފީލްޑަކަށް ހޮވިފައިވަނީ ސިލްވަރ ޔުނައިޓެޑްގެ ޖާޒީ ނަންބަރު 30 މުހައްމަދު އިސާމްއެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ އިލެވެން އެޓޭކާރސްގެ ޒާޒީ ނަންބަރު 87 އާމިލް އަލީއެވެ.

މުބާރާތުގެ އެންމެ މޮޅު ފޯވާޑް އަދި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ އިރުތުން އެންމެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވިފައިވަނީ އިލެވެން އެޓޭކާރސްގެ ޖާޒީ ނަންބަރު 9 ހަސަން އަޒޫމްއެވެ. މި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ޗެމްޕިއަން ސިލްވަރ ޔުނައިޓެޑްގެ ހެޑް ކޯޗު މުހައްމަދު ރަފީއުއެވެ، އަދި ފެއާރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ޓީމް ވޯރިއާރސްއެވެ.
މީ ދުވާފަރު ކައުންސިލުން މި މުބާރާތް ބޭއްވި 4 ވަނަ ފަހަރެވެ. މީގެ ކުރިން 2014 ވަނަ އަހަރު ކައުންސިލުން ބޭއްވި މުބާރާތް ކާމިޔާބުކުރީ ސިލްވަރ ޔުނައިޓެޑުންނެވެ. މެދުކެނޑުމަކަށް ފަހު 2018 ވަނަ އަހަރު ބޭއްވި މުބާރާތް ކާމިޔާބުކުރީ އިލެވެން އެޓޭކާރސްއެވެ އަދި ނިމިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުކުރި ޑާރކްޕާރކެވެ.