މުޅިން އަލަށް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވެ، ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ހއ. ދިއްދޫގެ ދިއްދޫ ސްޕޯޓްސް ކުލަބާއި، ގދ. ގައްދޫގެ ގައްދޫ ރެކްރިއޭޝަން ކުލަބަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މެމްބަރުކަން ދީފިއެވެ.
މި ދެ ކުލަބަށް އެފްއޭއެމްގެ މެމްބަރުކަން ރަސްމީކޮށް ދީފައިވަނީ ބުރާސްފަތި ދުވަހުގެރޭ ބޭއްވި އެ އެސޯސިއޭޝަނުގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައެވެ.
އެފްއޭއެމްގެ މި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ބައިވެރިވި ކުލަބުތަކުގެ އިއްތިފާގުން ދިއްދޫ އަދި ގައްދޫ އަށް މެމްބަރުކަން ދޭން ނިންމުމާ ގުޅިގެން، އެފްއޭއެމްގެ މެމްބަރު ކުލަބެއްގެ ހައިސިއްޔަތު އެ ދެ ޓީމަށް ވަނީ ލިބިފައެވެ. މި ހައިސިއްޔަތާއެކު އެ އެސޯސިއޭޝަންގެ ހިންގުމުގެ އެކި ކަންކަމުގައި ބަސްބުނުމުގެ ފުރުސަތާއި، ވޯޓު ލުމުގެ ހައްގު ވެސް ދެ ކުލަބަށް ލިބިގެންދާނެއެވެ.
މިއީ އެފްއޭއެމުން ދިވެހި ލީގުގެ ފޯމެޓަށް ގެނައި ބަދަލާއެކު، އަތޮޅުތެރޭގެ ޓީމުތަކަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލި ފަހުން، އެ ފޯމެޓުގެ ދަށުން އެ އެސޯސިއޭޝަންގެ މެމްބަރުކަން ހޯދި ފުރަތަމަ ދެ ކުލަބެވެ.
މި ކޮންގްރެސްގައި ދެ ކުލަބަކަށް މެމްބަރުކަން ދިނުމުގެ އިތުރުން، އެފްއޭއެމްގެ ކޮމިޓީތަކަށް މެމްބަރުން އައްޔަންކުރުން ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެފްއޭއެމުން މިދިޔަ ޖުލައި މަހު ބޭއްވި ކޮންގްރެސްގައި ނިންމާފައިވަނީ، ތިން މަސް ދުވަހުގެ ތެރޭގައި އެ އެސޯސިއޭޝަންގެ ކޮމިޓީތަކަށް މެމްބަރުން ހޮވުމަށެވެ.
ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމްގެ މެމްބަރުކަން ކަށަވަރުވިއިރު، މި ފަހަރު އަލަށް ދިވެހި ލީގަށް ޕްރޮމޯޓުވި އަނެއް ކްލަބު ކަމަށްވާ ބިސްބުރު ސްޕޯޓްސް ކްލަބަކީ މިހާރުވެސް އެފްއޭއެމްގެ މެމްބަރު ކްލަބެކެވެ. އެ ކްލަބަށް އެފްއޭއެމްގެ މެމްބަރުކަން ކުރިން ލިބިފައިވަނީ ދެވަނަ ޑިވިޝަނުގެ ކްލަބެއްގެ ގޮތުގައި ވާދަކުރަމުން ދިޔަ ދުވަސްވަރުގައެވެ.



