ޕޯޗުގަލްގެ ގައުމީ ޓީމާ އެކު ކުރިމަތިވި ހިޔާލުތަފާތުވުންތަކަށް ފަހު، އަލުން އެނބުރި ކްލަބް ފުޓްބޯޅައަށް ނުކުމެ ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ލަނޑާ އެކު ސައޫދީ ޕްރޯ ލީގުގައި ދިރިޢިއްޔާ އަތުން 3-0 އިން އަލް ނަސްރު މޮޅުވެއްޖެއެވެ.
ހުކުރު ދުވަހު ކުޅުނު މި މެޗުގައި ރޮނާލްޑޯ ވަނީ އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީފައެވެ.
ލީގުގެ އަށްވަނަ ބުރުގައި ހޯދި މި މޮޅާ އެކު، އެންމެ ފަހުގެ ޗެމްޕިއަން އަލް ނަސްރު ވަނީ ތާވަލުގެ އެއްވަނައިގައި އޮތް އަލް ގާދިސިއްޔާއާ ޕޮއިންޓުގެ ގޮތުން ހަމަހަމަކޮށްފަ އެވެ. ނަމަވެސް، ފައިދާ ލަނޑުގެ ތަފާތުން އަލް ނަސްރު އޮތީ ދެވަނައިގައެވެ.
ބައިނަލްއަގުވާމީ މެޗުތަކުގެ ބްރޭކްގެ ތެރޭގައި އުމުރުން 41 އަހަރުގެ ރޮނާލްޑޯ ވަނީ ޕޯޗުގަލްގެ ގައުމީ ސްކޮޑު ދޫކޮށް ގޮސްފަ އެވެ. އޭނާ ވަނީ ގައުމީ ޓީމަށް ކުޅެދިން 234 މެޗުގައި 146 ލަނޑު ޖަހައިދީފަ އެވެ. އަންގާރަ ދުވަހު އާންމުކުރި ދިގު ބަޔާނެއްގައި ރޮނާލްޑޯ ބުނެފައިވަނީ، ޕޯޗުގަލްގެ ކޯޗުކަމާ ދާދިފަހުން ހަވާލުވި ޖޯޖް ޖީސަސް، ނޭޝަންސް ލީގުގައި އޭނާ ކުޅުވާނެ ވަގުތުތަކާ ގުޅޭގޮތުން ވެފައިވާ ވައުދާ އެއްގޮތަށް އަމަލުކޮށްފައި ނުވާ ކަމަށެވެ. މީގެ ކުރިން ޖީސަސް އަލް ނަސްރުގެ ކޯޗަކަށް ހުރިއިރު، އޭނާގެ އިރުޝާދުގެ ދަށުން ރޮނާލްޑޯ ވަނީ މިދިޔަ މެއި މަހު ސައޫދީ ލީގު ކާމިޔާބުކޮށްފައެވެ.
ހުކުރު ދުވަހުގެ މެޗުގައި ރޮނާލްޑޯ އެ ޓީމަށް ލީޑު ނަގައިދިނީ ފުރަތަމަ ހާފުގެ މެދުތެރޭގަ އެވެ. ކިންގްސްލީ ކޯމަން ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ދިރިޢިއްޔާގެ ގޯލްކީޕަރު ވަލީދު އަބްދުﷲ ދިފާއުކުރުމުން، ރީބައުންސްވެގެން އައި ބޯޅަ ގާތުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ރޮނާލްޑޯ ވަނީ އޭނާގެ ކެރިއަރުގެ 980 ވަނަ ލަނޑު ޖަހައިފައެވެ.
ޓޮޓެންހަމް ހޮޓްސްޕާގެ ކުރީގެ ކޯޗު އާންޖް ޕޮސްޓެކޮގްލޫގެ އިރުޝާދުގެ ދަށުން ކުޅޭ އަލް ނަސްރުގެ ދެވަނަ ލަނޑު، ފުރަތަމަ ހާފު ނިމެން ކުޑަތަންވެފައި ވަނިކޮށް ޖަހައިދިނީ ސާމޫ ކޮސްޓާ އެވެ. އަދި މެޗު ނިމެން 13 މިނެޓަށް ވެފައި ވަނިކޮށް، ކޯމަން ކާމިޔާބުކުރި ލަނޑާ އެކު އަލް ނަސްރުން ވަނީ މޮޅު ކަށަވަރުކޮށްފައެވެ.
މި މެޗުގެ ކުރިން ކުޅުނު މެޗުގައި، ތާވަލުގެ އެއްވަނައިގައި އޮތް އަލް ގާދިސިއްޔާ ވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން އަލް ޚުލޫދު ބަލިކޮށްފަ އެވެ. އެ މެޗުގައި ނެދަލެންޑްސްގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ ޓިޖާނީ ރެއިންޑާސް ލަނޑު ޖެހުން ހުޅުވާލައިދިން އިރު، އިޓަލީގެ މަޓެއޯ ރެޓެގީ އާއި މެކްސިކޯގެ ހޫލިއަން ކިނޯނެސް ވެސް ވަނީ އެ ޓީމަށް ލަނޑުތައް ކާމިޔާބުކޮށްދީފައެވެ.



