- Advertisement -spot_img

އިނގިރޭސި ޕްރިމިއާ ލީގު: ސަންޑަލޭންޑް ބަލިކޮށް އާސެނަލުން ފޯމު ދަމަހައްޓައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލުން 2-0 އިން ސަންޑަލޭންޑް ބަލިކޮށް، ފޯމު ދަމަހައްޓައިފިއެވެ.

ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ލިބުނު 12 ޕޮއިންޓާ އެކު އާސެނަލް އޮތީ އެއްވަނައިގައެވެ.

ސަންޑަލޭންޑްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، ދެވަނަ ހާފްގެ ކުރީކޮޅު ލީޑު ނަގަން ސަންޑަލޭންޑަށް ޕެނަލްޓީއެއް ލިބުނެވެ. ސަންޑަލޭންޑްގެ ކުޅުންތެރިއަކަށް އާސެނަލްގެ ޑިފެންޑަރު ކޮންސާ ކުރި ފައުލަކާ ގުޅިގެން ލިބުނު މި ޕެނަލްޓީ އެންޒޯ ލެ ފީ ފޮނުވާލުމުން މަތަކުރީ އާސެނަލްގެ ކީޕަރު ޑޭވިޑް ރަޔާއެވެ.

އޭގެ ދެ މިނެޓް ފަހުން އާސެނަލްގެ މިޑްފީލްޑަރު ބްރޫނޯ ގިމަރޭސް ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ އެޓީމަށް ލީޑު ނަގައިދީފަ އެވެ. ބްރޫނޯ މި ގޯލު ކާމިޔާބުކުރީ ސަންޑަލޭންޑްގެ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެންނެވެ.

ސަންޑަލޭންޑުން ނަތީޖާ އެއްވަރުކުރަން ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް، އެ ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅަށް އެޓީމަށް ވަނީ ހިފޭގޮތް ނުވެފަ އެވެ. މި މެޗުން އާސެނަލަށް ތިން ޕޮއިންޓު ކަށަވަރުކޮށްދިން ގޯލު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ބުކާޔޯ ސަކާ އެވެ. މިއީ، ސަކާ އަށް ސަންޑަލޭންޑްގެ ޑިފެންޑަރު ރެއިނިލްޑޯ ކުރި ފައުލަކަށް އޭނާ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތެއް ދައްކާފައި ދިން ޕެނަލްޓީ އެކެވެ.

ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ޗެލްސީ އާއި ހަލް ސިޓީ ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ހަލް ސިޓީ މި ސީޒަނުގެ ޕްރިމިއާ ލީގުގައި އަދި މެޗަކުން ބަލިވެފައެއް ނުވެ އެވެ. ލިވަޕޫލް އާއި ފުލަމް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު، ނޮޓިންހަމް ފޮރެސްޓުން ވަނީ ފަހު ވަގުތު 2-1 އިން އެސްޓަންވިލާ ބަލިކޮށްފަ އެވެ. އަދި އިޕްސިވިޗުން ވަނީ 3-2 އިން ކްރިސްޓަލް ޕެލެސްގެ މައްޗަށް ކުރި ހޯދައިފަ އެވެ.

ގުޅުންހުރި ލިޔުންތައް