އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފުލަމް 3-2 އިން ބަލިކޮށް ޗެލްސީން މޮޅަކުން ލީގު ފަށައިފިއެވެ.
ފުލަމްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 31 ސިކުންތު ތެރޭގައި ޗެލްސީން ވަނީ ލީޑު ނަގައިފަ އެވެ. ކޯލް ޕާމާ ދިން ބޯޅައެއް ހިފައިގެން ފުލަމްގެ އޭރިއާ ތެރެއަށް ވަދެ ކީޕަރުގެ ބޯމަތިން ބޯޅަ ގޯލަށް ވައްދާލައިގެން ޗެލްސީއަށް ލީޑު ނަގައިދިނީ އެޓީމުގެ ބްރެޒިލްގެ ފޯވާޑް، ޖައޯ ޕެޑްރޯއެވެ.
މި ގޯލަށް ފަހު ފުލަމް އިން ކުޅުން ރަނގަޅުކޮށް މެޗުގެ 23 ވަނަ މިނެޓްގައި ވަނީ ނަތީޖާ އެއްވަރުކޮށްފަ އެވެ. ޗެލްސީގެ އޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުން މި ގޯލު ފުލަމް އަށް ކާމިޔާބުކޮށްދިނީ ޖޯޝް ކިންގް އެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ޗެލްސީން ވަނީ ދެވަނަ ފަހަރަށް ލީޑު ނަގައިފަ އެވެ. މިއީ ފްރާންސްގެ ޑިފެންޑަރު، މެކްސެންސް ލަކުއާ ދިން ޕާހަކުން މޯގަން ރޮޖާސް ކާމިޔާބުކުރި ގޯލެކެވެ. މި ދެ ކުޅުންތެރިންނަކީ ވެސް މިފަހަރުގެ ޓްރާންސްފާގައި ޗެލްސީއަށް ގެނައި ދެ ކުޅުންތެރިންނެވެ.
ދެވަނަ ހާފްގެ ކުރީކޮޅު ކޯލް ޕާމާގެ ގޯލުން ޗެލްސީން ވަނީ ލީޑު ފުޅާކޮށްފައެވެ. ޖައޯ ޕެޑްރޯ ދިން ޕާހަކުން މި ގޯލު ޕާމާ ކާމިޔާބުކުރީ ފުލަމްގެ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާއަކުންނެވެ.
ޗެލްސީން ދެ ގޯލުގެ ލީޑެއް ނެގިތާ މާ ލަސްތަކެއް ނުވެ، ފުލަމް އިން ލަނޑު ޖަހައި ފަރަގު ކުޑަކުރިއެވެ. އެ ގޮތުން، 54 ވަނަ މިނިޓްގައި ފުލަމްގެ ފުލްބެކް، ޓިމޮތީ ކަސްޓާންޏާ ޖެހި ޝޮޓެއް ކީޕަރު ސަންޗޭޒް އަތުގައި ޖެހިފައި ރީބައުންސް ނުކުތް ވަގުތު ގާސިއާ ވަނީ ބޮލުން ގޯލަށް ބޯޅަ ފޮނުވާލައިފައެވެ.
މި ގޯލަށްފަހު ނަތީޖާ އެއްވަރުކުރަން ފުލަމް އިން ވަރަށް ބޮޑަށް މަސައްކަތް ކުރި ނަމަވެސް އެޓީމަށް އިތުރު ގޯލެއް ކާމިޔާބު ކުރެވޭ ގޮތް ވަނީ ނުވެފަ އެވެ.



