އެފްއޭއެމް އިން މުޅިރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ”އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް“ ގެ ރ އަތޮޅުގެ ޗެމްޕިއަންކަން ދުވާފަރުން ހޯދައިފިއެވެ.
މިއަދު ހަވީރު އިނގުރައިދޫގައި ކުޅުނު ފައިނަލްމެޗް އިނގުރައިދޫ ޓީމްގެ މަށްޗަށް ދުވާފަރު ކުރި ހޯދީ 3-1 ގެ ނަތީޖާއިންނެވެ. މިމެޗްގައި އެންމެ ފުރަތަމަ ލަނޑެއްޖަހައި ކުރީ ހޯދީވެސް ދުވާފަރު ޓީމުންނެވެ. މި ލަނޑު ދުވާފަރު ޓީމަށް ކާމިޔާބުކޮށްދިނީ ދުވާފަރުގެ އެންމެ އިތުބާރު ކުޅުންތެރިޔާ ސަންޓޭއެވެ. ދުވާފަރުން ލީޑް ނަގާފައިވަނިކޮށް އިނގުރައިދޫ ޓީމުން ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ.
މެޗްގައި ދުވާފަރުން ޖެހި ދެ ލަނޑު ޖަހާފައިވަނީ ފަހު ހާފްގައެވެ. މި ދެލަނޑުވެސް ކާމިޔާބުކޮށްދިނީ މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނު ދުވާފަރު ޓީމުގެ ޒުވާން ކުޅުންތެރިޔާ އަނާން އެވެ. މެޗްގައި އިނގުރައިދޫ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބިގެންގޮސްފައެވެ.
މިމެޗްގައި ދެޓީމްގެ ފަރާތުން ވަރަށް ރީތި ފޯރިގަދަކުޅުމެއް ފެނިގެންދިޔައިރު، ސަޕޯޓަރުންގެ ފަރާތުން ވަނީ ކުޅިވަރުގެ ރޫހާ އެއްގޮތަށް ސަޕޯޓްދީ ނަމޫނާ މަންޒަރެއް ދައްކައިދީފައެވެ.



