އެސްޓަންވިލާ 2-1 އިން ބަލިކޮށް ޕީއެސްޖީން، ޔޫރަޕްގެ ފުޓްބޯޅަ ސީޒަން ހުޅުވަން ކުޅޭ ސުޕަ ކަޕް ކާމިޔާބުކޮށްފިއެވެ.
ޔޫއެފާ ސުޕަ ކަޕަކީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ޓީމާއި ޔޫރޮޕާ ލީގު ހޯދި ޓީމުގެ މެދުގައި ކުޅޭ މެޗެކެވެ. މިއީ ޕީއެސްޖީން ސުޕަ ކަޕް ކާމިޔާބުކުރި ދެވަނަ ފަހަރެވެ. މިދިޔަ އަހަރު ސުޕަ ކަޕް ކާމިޔާބުކުރީ ޕީއެސްޖީންނެވެ.
އޮސްޓްރިއާގައި ރޭ ކުޅުނު މި މެޗުގެ 20 ވަނަ މިނެޓްގައި ޕީއެސްޖީން ވަނީ ލީޑު ނަގައިފައެވެ. ވިލާގެ އޭރިއާގެ ތެރޭ ހުރެ ފޮނުވާލި ބާރު ހަމަލާއަކުން މި ގޯލު ޕީއެސްޖީއަށް ކާމިޔާބުކޮށްދިނީ ކްވިޗާ ކްވަރަޝްކޭލިއާ އެވެ. މި ގޯލާއެކު ވިލާއިން ކުޅުން ރަނގަޅުކޮށް ދިޔައީ ޕީއެސްޖީގެ ފަހަތަށް ނުރައްކާ ކުރަމުންނެވެ.
އެގޮތުން ފުރަތަމަ ހާފް ނިމުމުގެ ކުރިން ވިލާގެ އުމުރުން 17 އަހަރުގެ ފޯވާޑް ބްރިއަން މަޖޯ ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މިއީ ޕީއެސްޖީގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ގޯލަށް ވައްދާލައިގެން އޭނާ ކާމިޔާބުކުރި ގޯލެކެވެ. މިއީ މަޖޯ ވިލާއަށް ކުޅެދިން ފުރަތަމަ މެޗެވެ.
މި މެޗުން ޕީއެސްޖީ މޮޅުވި ގޯލު މެޗުގެ 61 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޑިސައިރޭ ޑުއޭ އެވެ. މިއީ އޮސްމާނޭ ޑެމްބެލޭ ދިން ޕާހަކުން ވިލާގެ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާއަކުން ޑުއޭ ކާމިޔާބުކުރި ގޯލެކެވެ. މި ގޯލު ކާމިޔާބުކުރި މިނެޓެއް ފަހުން ނަތީޖާ އެއްވަރުކޮށްލަން ވިލާގެ އުމުރުން 19 އަހަރުގެ މިޑްފީލްޑަރު ޖޯޖް ހެމިންގްސް އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ މަތަކުރީ ޕީއެސްޖީގެ ކީޕަރު ސަފަނޯވް އެވެ.
ޕީއެސްޖީ އަކީ ރެއާލް މެޑްރިޑާއި އޭސީ މިލާނަށް ފަހު، ޔުއެފާ ސުޕަ ކަޕް ދިފާއުުކުރި ފުރަތަމަ ޓީމެވެ.



