- Advertisement -spot_img

ރޮޑްރީ ހޯދުމަށް ބާސެލޯނާ އިން ހުށަހެޅި ބިޑު ސިޓީ އިން ޤަބޫލެއްނުކުރި

މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ސްޕެއިންގެ ރޮޑްރީ ހޯދުމަށް، ބާސެލޯނާާ އިން ހުށަހެޅި 38.5 މިލިއަން ޕައުންޑުގެ ބިޑު އެ ކުލަބުން ރިޖެކްޓު ކޮށްލައިފިއެވެ.

ސިޓީ އިން ރޮޑްރީ ވިއްކާލުމަށް ތައްޔާރަށް އޮތް ކަމަށް ރިޕޯޓުތައް ބުނި ނަމަވެސް، އޭނާ ވިއްކާލަން އެ ކުލަބުން ބޭނުން ވަނީ 60 މިލިއަން ޕައުންޑަށް ވުރެ ބޮޑު އަދަދެއްގައިއެވެ.

އުމުރުން 30 އަހަރުގެ ރޮޑްރީ ސިޓީއާ އެކު ސޮއިކޮށްފައިވާ އެއްބަސްވުމުގައި ބާކީ އޮތީ އެންމެ އަހަރެކެވެ. އައު އެއްބަސްވުމެއްގައި ރޮޑްރީ ސޮއިކޮށްފައި ނުވާއިރު، ހޫނު މޫސުމުގެ ޓްރާންސްފަރ މާކެޓުގައި އޭނާގެ މުސްތަޤުބަލާ މެދު ވަނީ ސުވާލު އުފެދިފައި އެވެ. ކުރިން ބެލެވިފައި އޮތީ ރޮޑްރީ ބަދަލުވާނީ ރެއާލް މެޑްރިޑަށް ކަމަށެވެ.

ނަމަވެސް، ފަހުން ރޮޑްރީ ވަނީ ބާސެލޯނާ އަށް ބަދަލުވުމުގެ ޝަޤުއުވެރިކަން އޮތް ކަމަށް ފާޅުކޮށް، އެ ކުލަބާ އެކު މަޝްވަރާކޮށްފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެއާ އެކު، ރޮޑްރީ ހޯދުމަށް ބާސެލޯނާ އިން ރަސްމީކޮށް ފުރަތަމަ ބިޑު ހުށަހަޅާފައި ވަނީ ހުކުރު ދުވަހު އެވެ. ނަމަވެސް، ބާސެލޯނާ އިން ހުށަހެޅި އަގާ މެދު ސިޓީ އިން ހިތްހަމަނުޖެހޭތީ، އެ ބިޑު ވަނީ ރިޖެކްޓު ކޮށްފައިއެވެ.

ބާސެލޯނާ އިން ބުނެފައި ވަނީ، އެ ކުލަބުން އަންނަނީ ރޮޑްރީގެ އެޖެންޓާ އެކު މަޝްވަރާ ކުރަމުން ކަމަށެވެ. މީގެ ކުރިން ރޮޑްރީ ހޯދުމަށް ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، މިހާރު އެ ކުލަބުން އެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ރޮޑްރީގެ އެޖެންޓާ ހަވާލާދީ ސްޕެއިންގެ މީޑިއާތަކުން ބުނެފައި ވަނީ، ފީފާ ވޯލްޑް ކަޕަށް ފަހު އޭނާ ހޯދުމަށް ރެއާލް އިން ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށެވެ.

ރޮޑްރީ އަކީ ފްރާންސް ފުޓުބޯޅަ އިން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާާ އަށް ދެމުން އަންނަ ބެލެންޑިއޯ އެވޯޑު، 2024 ވަނަ އަހަރު ހޯދު ކުޅުންތެރިޔާ އެވެ. މިދިޔަ ޖުލައި މަހު ނިމުނު ފީފާ ވޯލްޑް ކަޕް ސްޕެއިން އަށް ކާމިޔާބު ކޮށްދިނުމުގައި ރޮޑްރީ އިސް ދައުރެއް އަދާ ކުރިއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް ރޮޑްރީ އެވެ. ނަމަވެސް، އަނިޔާގެ ސަބަބުން އޭނާ އަށް ވަނީ މިދިޔަ ސީޒަންގެ ބޮޑު ބައެއް ގެއްލިފައިއެވެ.

ވޯލްޑް ކަޕަށް ފަހު ރޮޑްރީ ވަނީ ބުރަކަށީގެ އޮޕަރޭޝަނެއް ވެސް ކޮށްފައި އެވެ. މިވަގުތު އޭނާ ކުޅުމާ ދުރުގައި ހުރި ނަމަވެސް، އަންނަ ހަފުތާގެ ތެރޭގައި ސިޓީގެ ފަރިތަކުރުން ތަކަށް އޭނާ ނުކުންނާނެ ކަމަށް ބެލެވެއެވެ.

ގުޅުންހުރި ލިޔުންތައް