- Advertisement -spot_img

މާޒިޔާގެ އައު ކޯޗުކަމަށް ޗެކިއާގެ ތޯމަސް ޓްރޫޗާ އައްޔަންކޮށްފި

ދިވެހި ޕްރިމިއަރ ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ އައު ކޯޗުގެ މަގާމަށް ޗެކިއާގެ ތޯމަސް ޓްރޫޗާ އައްޔަންކޮށްފިއެވެ.

މާޒިޔާއިން ބިދޭސީ އައު ކޯޗެއް ހަމަޖެއްސިއިރު، މިދިޔަ ސީޒަނުގައި އެ ޓީމަށް ދިވެހި ޕްރިމިއަރ ލީގާއި، ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްދިން ސްޕެއިނުގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ވަނީ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ޓީމާ ވަކިވެފައެވެ. މާޒިޔާއަށް އޭނާ އެންމެ ފަހުން އިރުޝާދުދިން މެޗަކީ މިދިޔަ ސީޒަނުގެ ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުގައި އޮޑި ސްޕޯޓްސް ކުލަބު އަތުން ޕެނަލްޓީ ޖަހައިގެން ބަލިވި މެޗެވެ.

އޭގެ ފަހުން މިދިޔަ ސީޒަނުގެ އެފްއޭ ކަޕުގައި މާޒިޔާގެ ކޯޗުގެ ޒިންމާ އެސިސްޓަންޓް ކޯޗު އަޙްމަދު ސުޒެއިރު (ކޮއްކޮ) އަދާކުރިއިރު، އެ މުބާރާތުގެ ފުރަތަމަ މެޗު ކަމަށްވާ ކުއާޓާ ފައިނަލުން މާޒިޔާ ވަނީ ޕެނަލްޓީގައި ބުރު ސްޕޯޓްސް ކުލަބު އަތުން ބަލިވެފައެވެ. އެކަމަކު ކޮއްކޮގެ އިރުޝާދުގެ ދަށުން މާޒިޔާއިން ވަނީ މި ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ޕެނަލްޓީ ޖަހައިގެން ބަލިކޮށް، ހަތްވަނަ ފަހަރަށް ޗެރިޓީ ޝީލްޑް އުފުލާލައިފިއެވެ.

މާޒިޔާގެ އައު ކޯޗަކަށް ހަމަޖެއްސި ޗެކިއާއަށް ނިސްބަތްވާ، ޔުއެފާ ޕްރޯ ލައިސަންސް ހާސިލުކޮށްފައިވާ ޓްރޫޗާއަކީ ޔޫރަޕާއި، އެފްރިކާ އަދި އޭޝިއާގެ އެކި ޤައުމުތަކުގައި ކޯޗިންގެ ދާއިރާއިން އެތައް އަހަރެއްގެ މުއްސަނދި ތަޖުރިބާ ހޯދާފައިވާ ކޯޗެކެވެ.

އޭނާގެ އިރުޝާދުގެ ދަށުން މާޒިޔާއިން ކުޅޭނެ ފުރަތަމަ މެޗަކީ މި ސީޒަނުގެ ފުރަތަމަ މުބާރާތަކަށް ކަޕް ވިނާސް ކަޕުގައި މާދަމާރޭ އޮޑި ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗެވެ. މިއީ ޒަމާނުއްސުރެ ސީޒަން ހުޅުވަން ކުޅެމުން އައި މުބާރާތް، 18 އަހަރުގެ މެދުކެނޑުމަކަށްފަހު ބާއްވާ ފުރަތަމަ ފަހަރެވެ.

ގުޅުންހުރި ލިޔުންތައް