- Advertisement -spot_img

ނިއު ރޭޑިއަންޓް ބަލިކޮށް މާޒިޔާ އިން ޗެރިޓީ ޝީލްޑް އުފުލާލައިފި

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ޕެނަލްޓީ ޖަހައިގެން ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ޗެރިޓީ ޝީލްޑް އުފުލާލައިފިއެވެ.

މިއީ މާޒިޔާއިން ޗެރިޓީ ޝީލްޑް އުފުލާލި ހަތްވަނަ ފަހަރެވެ. ޝީލްޑް އެންމެ ގިނަ ފަހަރު އުފުލާލުމުގެ ރިކޯޑު އޮތީވެސް އެ ޓީމު އަތުގައެވެ. އެ ޓީމުން ވަނީ މި އަހަރުގެ އިތުރުން 2015، 2016، 2017، 2021، 2023 އަދި 2025 ގައި ޝީލްޑް ކާމިޔާބުކޮށްފައެވެ.

ޤައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން ހަތަރުވަނަ މިނެޓުގައި ނިއު ރޭޑިއަންޓާ އަލަށް ގުޅުނު ބްރެޒިލްގެ ކާމިޔާބު ފޯވާޑް ޑޮރިއެލްޓަން ގޯމޭޒް ނަޝިމެންޓޯ ވަނީ އެ ޓީމަށް ވަނީ ލީޑު ނަގައިދީފައެވެ. އަދި 36 ވަނަ މިނެޓުގައި އަލީ ފާސިރު (ސެންޓޭ) ވަނީ ނިއު ރޭޑިއަންޓުގެ ލީޑު ފުޅާކޮށްދީފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް މުޙައްމަދު އިލާން އިމްރާނުގެ ލަނޑުން މާޒިޔާއިން ފަރަގު ކުޑަކުރި ނަމަވެސް، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޑޮރިއެލްޓަން ވަނީ އަނެއްކާވެސް ނިއު ރޭޑިއަންޓުގެ ލީޑު ފުޅާކޮށްފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި މާޒިޔާއިން ކުޅުން ރަނގަޅުކުރިއިރު، މި ހާފު ފަށައިގެން ހަވަނަ މިނެޓުގައި އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ވަނީ އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ. އަދި 65 ވަނަ މިނެޓުގައި މާޒިޔާއަށް ނަތީޖާ އެއްވަރުކޮށްދިނީ، ފުރަތަމަ ލަނޑުވެސް ޖަހައިދިން އިލާނެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 3-3 ގެ ނަތީޖާއަކުން އެއްވަރުވުމާއެކު، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓުގައި މާޒިޔާއިން ކުރި ހޯދީ 5-3 ގެ ނަތީޖާއަކުންނެވެ. މާޒިޔާއިން ފަސް ޕެނެލްޓީވެސް ކާމިޔާބުކުރިއިރު، މި ޕެނަލްޓީތައް ޖަހައިދިނީ އިލާން، އަޙްމަދު އައިހަމް، އިބްރާހީމް އައިސަމް، އާއިދު މުޙައްމަދު ޖަވީޒު އަދި ހައިޝަމް ހަސަނެވެ. ނިއު ރޭޑިއަންޓުގެ ޑޮރިއެލްޓަން، މޫސާ ޔާމިން އަދި އަޙްމަދު އަބްދުالله (ލިލީ) ޕެނަލްޓީތައް ޖެހި ނަމަވެސް، މުޙައްމަދު ނާއިމުގެ ޕެނަލްޓީ ކާމިޔާބުވެފައެއް ނުވެއެވެ.

ޗެރިޓީ ޝީލްޑް މެޗު މާޒިޔާއިން ކާމިޔާބުކުރިއިރު، މި މެޗަށްފަހު އައު ސީޒަނުގެ ފުރަތަމަ މުބާރާތަކަށް އޮންނާނީ އަންނަ އޮގަސްޓް މަހު ބާއްވާ ކަޕް ވިނާސް ކަޕެވެ. މިއީ ޒަމާނުއްސުރެ ސީޒަން ހުޅުވަން ކުޅެމުން އައި މުބާރާތް، އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު ބާއްވާ ފުރަތަމަ ފަހަރެވެ.

އެފްއޭއެމްއިން 1995 ވަނަ އަހަރު ތައާރަފުކުރި ކަޕް ވިނާސް ކަޕް އެންމެ ފަހުން ބޭއްވީ 2008 ވަނަ އަހަރެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ފަހަރުގެ މުބާރާތުގައި ބައިވެރިވާނީ މާޒިޔާ އާއި، ނިއު ރޭޑިއަންޓުގެ އިތުރުން ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަން އޮޑި ސްޕޯޓްސް ކުލަބެވެ.

ކަޕް ވިނާސް ކަޕަށް ފަހު އަންނަ މަހުގެ 11 ވަނަ ދުވަހު އޭއެފްސީ ޗެލެންޖް ލީގުގެ ޕްރިލިމިނަރީ ބުރުގައި މާޒިޔާއިން ތަޖިކިސްތާންގެ ރެގާރު-ޓަޑާޒްއާ ބައްދަލުކުރާ މެޗާއި، އަންނަ މަހުގެ 31 އިން ސެޕްޓެމްބަރު 6 އަށް މިޔަންމާގެ ވެރިރަށް ޔަންގޮންގައި ކުޅޭ އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިން މެޗުތަކަށް ވަގުތު ދިނުމަށްފަހު، ދިވެހި ޕްރިމިއަރ ލީގު ފަށަން ހަމަޖައްސާފައިވަނީ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ގުޅުންހުރި ލިޔުންތައް