- Advertisement -spot_img

ނިއު ރޭޑިއަންޓް ބަލިކޮށް މާޒިޔާ އިން ޔޫތު ޗެމްޕިއަންޝިޕް ދިފާއުކޮށްފި

ފައިނަލުގައި ރޭ 4-1 އިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ރެކޯޑަކާ އެކު، އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ތަށި ދިފާއުކޮށްފިއެވެ.

ގަލޮޅު ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗުގައި، ފުރަތަމަ ހާފު ނިމިގެންދިޔައީ، އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. މެޗުގައި ފެނިގެންދިޔަ ފަސް ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގައެވެ.

ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ދިހަ މިނިޓް ހިނގިތަނާ، މެޗުގެ 55 ވަނަ މިނިޓްގައި، އައިދަން އަހުމަދު މޫސާގެ ލަނޑުން މާޒިޔާ އިން ކުރިހޯދިއެވެ. އަދި، 73 ވަނަ މިނިޓްގައި މާޒިޔާގެ ކެޕްޓަން، މުހައްމަދު އިލާން އިމްރާން ޖެހި ގޯލުން އެ ޓީމުން ލީޑުފުޅާކުރިއެވެ. މެޗުގެ 80 ވަނަ މިނިޓްގައި ނިއު އަށް ލިބުނު ޕެނަލްޓީ އަކުން، އަހުމަދު ހަމްދާން އަޒްލީން ވަނީ ގޯލެއް ޖަހައި، ނިއު އަށް އުންމީދެއް ހޯދައިދީފަ އެވެ. އެހެން ނަމަވެސް، މާޒިޔާ ފެނުނީ މާ ވަރުގަދަ ކޮށެވެ.

އިތުރު ވަގުތުގެ ތެރޭގައި ދެ ލަނޑު ޖަހައި، ޗެމްޕިއަންކަން ކަށަވަރުކުރީ އެވެ. މާޒިޔާގެ ތިން ވަނަ ލަނޑު ޖެހީ، ނައްސާހު އިބްރާހިމް ނާސިރު އެވެ. އަދި، އިތުރު ވަގުތުގެ ހަތް ވަނަ މިނިޓްގައި، އަލްހާން ފައިސަލް އަމީން ވަނީ ލަނޑު ޖަހައި މާޒިޔާ އަށް މޮޅު ކަށަވަރުކޮށްދީފައެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ މާޒިޔާގެ އިލާން އެވެ. އެންމެ މޮޅު ކޯޗަކަށް މާޒިޔާގެ އިބްރާހިމް ސައީދު (ކަކާ) ހޮވުނުއިރު، ފެއާޕްލޭ ޓީމަކީ ކެޔޮދޫ އެވެ. މުބާރާތުގެ އެންމެ މޮޅު 11 ކުޅުންތެރިންގެ ތެރޭގައި، ހިމެނެނީ، އައިދު، އިލާން، ހޫދު، މާއިލް، ނައްސާހު، ހަމްދާން، އަފްނާން، ނާޝިއު، އިޒާން، ތާއިއު އަދި އަނޫފް އެވެ.

ގުޅުންހުރި ލިޔުންތައް