ފީފާ ވޯލްޑް ކަޕުގެ ކުއާޓާފައިނަލުގައި ބެލްޖިއަމް 1-2 އިން ބަލިކޮށް ސްޕެއިން ސެމީ ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރުކޮށްފިއެވެ.
ރޭގެ މެޗުގައި ސްޕެއިނުން ލީޑުނެގީ 30 ވަނަ މިނިޓްގައި ރުއީޒް ޖެހި ގޯލުންނެވެ. މިއީ، އޭރިއާތެރެއިން ޑެނީ އޯލްމޯ ޖެހި ޝޮޓެއް ބެލްޖިއަމް ކީޕަރު، ތިބައު ކޯޓުއާ އަތުގައި ޖެހިފައި، ނުކުތް ވަގުތު ރީބައުންސުން ރުއީޒް ވަނީ ގޯލަށް ވައްދާލައިފައެވެ.
ބެލްޖިއަމުން މެޗުގެ ނަތީޖާ ހަމަހަމަކުރީ 41 ވަނަ މިނިޓްގައި، ޗާލްސް ޑި ކަޓަލާރޭ ޖެހި ގޯލުންނެވެ. މިއީ، ޓިމޮތީ ކަސްޓާންޏާ ނެގި ހުރަހަކުން ޑި ކަޓަލާރޭ ބޮލުން ޖެހި ގޯލެކެވެ.
ސްޕެއިން މޮޅުވި ލަނޑު ޖެހީ 88 ވަނަ މިނިޓްގަ އެވެ. ޕެނަލްޓީ އޭރިއާ ބޭރުން ޕައު ކުބާސީ ފޮނުވާލި ބާރު ހަމަލާ، ބެލްޖިއަމް ކީޕަރު ސަން ލަމެންސް މަތަކުރުމާއެކު، ލިބުނު ރީބައުންސް ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން މެރީނޯ ގޯލަށް ވައްދާލީ ފަސޭހަ ކަމާއެކުގައެވެ.
މި މެޗުން މޮޅުވުމުން ސްޕެއިން ސެމީ ފައިނަލުގައި ވާދަ ކުރަން ޖެހޭނީ އެންމެ ފަހުގެ ރަނަރަން ފްރާންސާއެވެ. މި މެޗު ވެގެންދާނީ މިހާތަނަށް މިފަހަރުގެ ވޯލްޑް ކަޕްގައި ފެނިގެންދާ ތަފާތު ވާދަވެރި މެޗަކަށެވެ. ޗެމްޕިއަނުންގެ ކުރިމަތިލުމަކަށެވެ. ފަހު ހާފުގައި ޖެހި ލަނޑުތަކުން 2-0 އިން މޮރޮކޯ ބަލިކޮށް ފްރާންސް، ރޭ ވަނީ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރު ކޮށްފައެވެ.
ސްޕެއިން އާއި ބެލްޖިއަމް މީގެ ކުރިން ވޯލްޑް ކަޕްގައި ދެ ފަހަރު ބައްދަލުކޮށްފައިވާއިރު، ކޮންމެ ޓީމެއް ވަނީ އެއް މެޗުން މޮޅުވެފައެވެ. މި ދެ ޓީމު ފުރަތަމަ ބައްދަލުކުރީ 1986 ވަނަ އަހަރުގެ ކުއާޓާ ފައިނަލްގަ އެވެ. އެ މެޗު ޕެނަލްޓީ ޖަހައިގެން 5-4 އިން ކާމިޔާބުކުރީ ބެލްޖިއަމްއެވެ. އޭގެ ފަހުން 1990 ވަނަ އަހަރުގެ ގްރޫޕް ބުރުގައި ބައްދަލުކޮށް 2-1 އިން މޮޅުވީ ސްޕެއިންއެވެ.



