- Advertisement -spot_img

ވޯލްޑް ކަޕް: މޮރޮކޯ ބަލިކޮށް ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ފްރާންސް އަށް

މެޗުގެ ކުރީކޮޅު ލިބުނު ޕެނަލްޓީ ނާކާމިޔާބު ވިއަސް ފަހު ހާފުގައި ޖެހި ލަނޑުތަކުން 2-0 އިން މޮރޮކޯ ބަލިކޮށް ފްރާންސް، ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރު ކޮށްފިއެވެ.

މެޗުގެ ކުރީކޮޅު ފްރާންސުން ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން ލޫކަސް ޑީނޭ ފޮނުވާލި ބާރު ހަމަލާއެއް އަމާޒުވީ ގޯލުގެ މަތީ ދަނޑިއަށެވެ. ފްރާންސުން މެޗު ކޮންޓްރޯލް ކުރަމުން ދަނިކޮށް، 28 ވަނަ މިނެޓްގައި އެމްބަޕޭއަށް ކުރި ފައުލަކާ ގުޅިގެން ވީއޭއާރް ބެލުމަށްފަހު އެ ޓީމަށް ޕެނަލްޓީއެއް ލިބުނެވެ. ނަމަވެސް ކީލިއަން އެމްބާޕޭ ފޮނުވާލި ޕެނަލްޓީ، މޮރޮކޯގެ ކީޕަރު ޔާސީން ބޯނޯ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ޕެނަލްޓީ ނާކާމިޔާބު ވިއަސް ފްރާންސުން ހޯދި ފުރުސަތުތަކުގައި ޑިޒިރޭ ޑޫއޭގެ ހަމަލާއެއް ބޫނޫ ދިފާއު ކުރި އިރު އުސްމާން ޑެމްބެލޭގެ ބާރު ހަމަލާ ގޯލާ އަމާޒެއް ނުވި އެވެ. މި ހާފުގެ އިތުރު ވަގުތުގައި ލޫކާ ޑީނާ އޭރިއާ ބޭރުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ފްރާންސުން މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ 60 ވަނަ މިނެޓުގައެވެ. އޭރިއާގެ އަރިމަތިން ޑެސިރޭ ޑޫއީ ތަނަވަސްކޮށްދިން ފުރުސަތެއްގައި، އެމްބާޕޭ ވަނީ ވަރަށް ހިތްގައިމު ނިންމާލުމަކުން ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. މި ލަނޑާއެކު އޭނާ ވަނީ ‘ރަން ބޫޓު‘ ގެ ރޭހުގައި މެސީއާ އަރާ ހަމަކޮށް، މުބާރާތުގެ ޖުމްލަ 8 ގޯލު ޖަހާފައެވެ.

މި ލަނޑަށްފަހު މޮރޮކޯއިން ނަތީޖާ ހަމަހަމަކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. ނަމަވެސް، މެޗުގެ 66 ވަނަ މިނެޓުގައި މޮރޮކޯގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ޑެމްބޭލޭ ވަނީ ޑިފެންޑަރެއް ކައިރިން ނައްޓުވާލުމަށްފަހު، ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށް ފްރާންސަށް ދެވަނަ ލަނޑު ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްދީފައެވެ.

ދެވަނަ ހާފުގައި މޮރޮކޯ ހޯދި ފުރުސަތުތަކުގައި ނީލް އަލް އައިނޫއީގެ ހަމަލާ ގޯލާ އަމާޒު ކޮށް ނުލެވުނު އިރު އަޒަދީން އޮނާހީގެ ހަމަލާ ކީޕަރު މައިކް މައިނާން ވަނީ ދިފާއު ކޮށްފަ އެވެ. މެޗުގެ ފަހު ވަގުތު އެރުވި ފްރާންސްގެ ޖިއާން ފިލިޕޭ މަޓޭޓާއަށް ވެސް ވަނީ ގޯލު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ނާކާމިޔާބު ވެފައެވެ.

މޮރޮކޯ އާއި ފްރާޏްސް ވަނީ އެންމެ ފަހުން އޮތް 2022 ވަނަ އަހަރުގެ ސެމީ ފައިނަލްގައި ބައްދަލު ކޮށްފައެވެ. އެ ފަހަރު ވެސް ފްރާންސް މޮޅުވީ ހަމަ މި ނަތީޖާއިންނެވެ.

ގުޅުންހުރި ލިޔުންތައް