ކެނެޑާ 3-0 އިން ބަލިކުރުމަށްފަހު ފީފާ ވޯލްޑް ކަޕްގެ ކުއާޓާފައިނަލްގެ ފުރަތަމަ ޖާގަ މޮރޮކޯ އިން ހޯދިއިރު ހަނިގޮތަކަށް ޕެރަގުއޭ ބަލިކޮށް ފްރާންސް ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
ކެނެޑާ އަދި މޮރޮކޯގެ މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މި ހާފުގައި ކެނެޑާއިން ވަނީ ރަނގަޅަށް ކުޅެ މޮރޮކޯގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން ޖޮނަތަން ޑޭވިޑާއި ޓަނީ އޮލުވާޝޭ ފޮނުވާލި ދެ ހަމަލާ ވެސް މޮރޮކޯގެ ކީޕަރު ޔަސީން ބޯނޯ ވަނީ ހުޝިޔާރުކަމާއެކު ވަނީ މަތަކޮށްފައެވެ. ފުރަތަމަ ހާފުގައި މޮރޮކޯއަށް އެންމެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރެވިފައި ނުވާއިރު، އެޓީމުގެ ފޯވަޑް އިސްމާއިލް ސައިބާރީއަށް އަނިޔާވެގެން ވަނީ ބަދަލުކޮށްފައެވެ.
މޮރޮކޯއިން މި މެޗުގައި ޖެހި ފުރަތަމަ ގޯލު ކާމިޔާބުކުރީ މެޗުގެ 50 ވަނަ މިނެޓްގައެވެ. އަޝްރަފް ހަކީމީ ދިން ޕާހަކުން ކެނެޑާގެ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއެއް ގޯލަށް ވައްދާލައިގެން މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ އަޒެއްދީން އުނާހީ އެވެ. މި ގޯލަށް ފަހު ކެނެޑާއިން މެޗު ކޮންޓްރޯލްކޮށްގެން ކުޅެމުންދިޔައިރު، މެޗުގެ 82 ވަނަ މިނެޓްގައި އުފެއްދި ކައުންޓަ އެޓޭކެއްގައި މޮރޮކޯގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ވެސް އުނާހީއެވެ. މޮރޮކޯގެ ތިންވަނަ ގޯލު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އުފެއްދި ކައުންޓަ އެޓޭކެއްގައި ކާމިޔާބުކޮށްދިނީ ސުފިއާން ރަހީމީ އެވެ.
ޕެރަގުއޭ އަދި ފްރާންސް ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، ޑިފެންސިވްކޮށް ކުޅެމުންދިޔަ ޕެރަގުއޭގެ ގޯލަށް މާބޮޑު ނުރައްކަލެއް މި ހާފުގައި ފްރާންސަށް ކުރެވޭ ގޮތް ވަނީ ނުވެފައެވެ.
ދެވަނަ ހާފުގައި ފްރާންސުން ބަދަލުތަކެއް ގެނެސް ކުޅުން އަވަސްކުރިއިރު، މި މެޗުގެ ހަމައެކަނި ގޯލު ފްރާންސުން ކާމިޔާބުކުރީ މެޗުގެ 70 ވަނަ މިނެޓްގައި ޑުއޭއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދީ ފްރާންސަށް ލީޑު ނަގައިދީ ކިލިއަން އެމްބާޕޭ ކަމަށްވާއިރު، މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި އޭނާ ކާމިޔާބުކުރި ހަތްވަނަ ގޯލެވެ.
ލީޑު ފުޅާކޮށްލަން އެމްބާޕޭ އަށް ފަހުން ވެސް ރަނގަޅު ދެ ފުރުސަތެއް ލިބުނެވެ. ނަމަވެސް ޕެރަގުއޭގެ އޭރިއާ ތެރެއަށް ވަދެ އޭނާ ފޮނުވާލި ދެ ހަމަލާ ވެސް މަތަކުރީ ޕެރަގުއޭގެ ކީޕަރު އޮލާންޑޯ ގިލްއެވެ. ޕެރަގުއޭ އަށް މި މެޗުގައި މާބޮޑު އެޓޭކިން ކުޅުމެއް ނުދެއްކުނުއިރު، އެޓީމަށް ފްރާންސްގެ ގޯލާއި އަމާޒުކޮށް ފޮނުވާލެވުނީ ވެސް އެންމެ ހަމަލާއެކެވެ.
ކުއާޓާފައި ފްރާންސް ބައްދަލުކުރާނީ މޮރޮކޯއާއެވެ. މި ދެ ޓީމު ވަނީ އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގެ ސެމީފައިނަލްގައި ވެސް ބައްދަލުކޮށްފައިވެ އެވެ. އެ ފަހަރު ފްރާންސުން ވަނީ މޮރޮކޯގެ މައްޗަށް ކުރި ހޯދައިފައެވެ.



