- Advertisement -spot_img

ވޯލްޑް ކަޕް: ކޭޕް ވާޑޭ ބަލިކުރުމަށްފަހު އާޖެންޓީނާ ގަދަ 16 އަށް

އުނދަގޫ ގޮތަކަށް ކޭޕް ވާޑޭ 3-2 އިން ބަލިކުރުމަށްފަހު ފީފާ ވޯލްޑް ކަޕްގެ ގަދަ 16 އިން އާޖެންޓީނާ ޖާގަ ހޯދައިފިއެވެ.

އެމެރިކާގެ މަޔާމީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 29 ވަނަ މިނެޓްގައި ލިއޮނަލް މެސީ ވަނީ އާޖެންޓީނާ އަށް ލީޑު ނަގައިދީފައެވެ. މިއީ ލައުޓާރޯ މާޓިނޭޒް ދިން ޕާހެއް ކޭޕް ވާޑޭގެ އޭރިއާ ތެރެއިން ކޮންޓްރޯލްކޮށްލުމަށް ފަހު ފޮނުވާލި ހަމަލާއަކުން މެސީ ކާމިޔާބުކުރީ ގޯލެކެވެ. މި ގޯލާއެކު މެސީ ވޯލްޑް ކަޕްގައި ޖެހި ގޯލުގެ އަދަދު ވަނީ 20 އަށް އަރައިފައެވެ.

މި ގޯލާއެކު އާޖެންޓީނާ ލީޑުގައި އޮވެ ހާފް ނިމުނުއިރު، މެޗުގެ 59 ވަނަ މިނެޓްގައި ޑެރޯއި ޑުއާޓޭ ވަނީ ކޭޕް ވާޑޭއަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މި ގޯލު ޑުއާޓޭ ޖެހީ އާޖެންޓީނާގެ އޭރިއާ ތެރެއަށް ވަދެ ތިރިތިރިން ފޮނުވާލި ހަމަލާއަކުންނެވެ. އޭގެ އިރުކޮޅެއް ފަހުން އާޖެންޓީނާ އަށް އަލުން ލީޑު ނަގައިދޭން މެސީ އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭރިއާ ތެރެއަށް ވަދެ މެސީ ފޮނުވާލި ހަމަލާ މަތަކުރީ މި މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ކޭޕް ވާޑޭގެ ކީޕަރު ވޮޒިނިއާއެވެ.

މެޗުގެ 90 މިނެޓްގެ ކުޅުން ހަމަވިއިރު ދެ ޓީމުވެސް އެއްވަރުވެފައި އޮތުމުން ދެން ކުޅުނީ އިތުރު ވަގުތުގެ ދެ ހާފްގެ ކުޅުމެވެ. އެގޮތުން އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ލިސަންޑްރޯ މާޓިނޭޒް ވަނީ އާޖެންޓީނާ އަށް އަލުން ލީޑު ނަގައިދީފަ އެވެ. ނަމަވެސް އެ ހާފް ނިމުމުގެ ކުރިން ކޭޕް ވާޑޭގެ ސިޑްނީ ލޮޕޭޒް ކަބްރާލް ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ ދެވަނަ ފަހަރަށް އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މި ގޯލު އޭނާ ކާމިޔާބުކުރީ އާޖެންޓީނާގެ އޭރިއާގެ ކަނެއްގައި ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެންނެވެ.

މި މެޗުން އާޖެންޓީނާ މޮޅުވި ގޯލު އިތުރު ވަގުތުގެ ދެވަނަ ހާފުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު ކްރިސްޓިއަން ރޮމޭރޯއެވެ. މެސީ ކޯނަރަކުން ނަގައިދިން ހުރަހަކުން ރޮމޭރޯ މި ގޯލު ކާމިޔާބުކުރީ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ. މެޗުގެ އެންމެ ފަހު ވަގުތުކޮޅާއި ހަމައަށް ވެސް ކޭޕްވާޑޭ ނަތީޖާ އެއްވަރުކުރަން މަސައްކަތްކުރި ނަމަވެސް އެޓީމަށް އެކަން ކާމިޔާބުވާ ގޮތް ވަނީ ނުވެފައެވެ.

ގަދަ 16 ބުރުގައި އާޖެންޓީނާ އިން ކުޅޭނީ މިސްރާއެވެ. މިސްރުން ނޮކައުޓް ބުރަށް ފުރަތަމަ ފަހަރަށް ދަތުރުކުރީ ޕެނަލްޓީގައި އޮސްޓްރޭލިއާ ބަލިކުރުމަށްފަހުއެވެ.

ގުޅުންހުރި ލިޔުންތައް