ފީފާ ވޯލްޑް ކަޕުގައި މިރޭ 3-0 ގެ ނަތީޖާއަކުން ފަސޭހަކަމާއެކު އޮސްޓްރިއާ ބަލިކޮށް، ސްޕެއިން ގަދަ 16 ބުރަށް ދަތުރުކޮށްފިއެވެ.
މުބާރާތުގެ ދެވަނަ ބުރަށް ސްޕެއިން ދަތުރުކުރީ ގުރޫޕް ”އެޗް“ ގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި އޮސްޓްރިއާ އިން ވަނީ ގުރޫޕް ”ޖޭ“ ގެ ދެވަނަ ހޯދާފައެވެ.
ސްޕެއިނުން ގުރޫޕް ސްޓޭޖުގެ ތިން މެޗުވެސް ބައިކޮޅަށް ލަނޑެއް ވަނަނުދީ ނިންމާލާފައިވާއިރު، މިރޭވެސް އެ ޓީމު ކޮޅަށް ލަނޑެއް ވަދެފައެއް ނުވެއެވެ. މިއަހަރުގެ މުބާރާތުގައި ބައިކޮޅަށް ލަނޑެއް ވަނަނުދީ ހަތަރު މެޗު ނިންމާލީ ސްޕެއިންގެ އިތުރުން މެކްސިކޯ އިންނެވެ. މީގެއިތުރުން، މިއީ 16 އަހަރުތެރޭ ވޯލްޑް ކަޕުގެ ނޮކްއައުޓް ބުރެއްގައި ސްޕެއިނަށް ލިބުނު ފުރަތަމަ މޮޅެވެ. އެ ޓީމަށް އެންމެ ފަހުން ނޮކްއައުޓް މެޗަކުން މޮޅުވެވުނީ 2010 ވަނަ އަހަރުއެވެ. އެ އަހަރު ސްޕެއިނުން ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.
ލޮސް އެންޖެލްސް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފެށުނީއްސުރެ މޮޅަށް ކުޅެފައިވަނީ ސްޕެއިނުންނެވެ. މުޅި މެޗުގައި އެ ޓީމުން އޮސްޓްރިއާގެ ގޯލަށް އަމާޒުކޮށް 10 ހަމަލާއެއް ފޮނުވާލާފައިވާއިރު، އޮސްޓްރިއާއަށް ސްޕެއިންގެ ގޯލުގެ ތިން ދަނޑިއާ އެންމެ ބޯޅައެއްވެސް އަމާޒު ކުރެވިފައެއް ނުވެއެވެ.
މެޗުގެ ކުރީކޮޅު މާކް ކުކުރޭއާ ސްޕެއިނަށް ލަނޑެއް ޖަހައިދިން ނަމަވެސް، އޭރިއާ ތެރެއިން ޕައު ކުބަރްސީ ކުރި ފައުލަކާ ގުޅިގެން އެ ލަނޑު ބަލައިގަނެފައެއް ނުވެއެވެ.
ސްޕެއިނުން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 36 ވަނަ މިނެޓުގައެވެ. ކުކުރޭއާ ތަނަވަސްކޮށްދިން ފުރުސަތަކުން އެ ޓީމަށް ލަނޑު ޖަހައިދިނީ މިކޭލް އޮޔާޒަބާލް އެވެ.
ދެވަނަ ހާފު ފެށިގެން މެޗުގެ 66 ވަނަ މިނެޓުގައި އެލެކްސް ބައޭނާ ނެގި ހުރަހަކުން ޕެޑްރޯ ޕޯރޯ ވަނީ ބޮލުން ލަނޑެއް ޖަހައި ސްޕެއިނަށް ލީޑު ފުޅާކޮށްދީފައެވެ. އަދި މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ކުކުރޭއާ ދިން ބޯޅަޔަކުން އޮޔާޒަބާލް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ސްޕެއިނަށް ނަތީޖާ ކަށަވަރުކޮށްދީފައެވެ. އެއީ މި މުބާރާތުގައި އޭނާ ޖެހި ހަތަރުވަނަ ލަނޑެވެ.
މުބާރާތުގެ ގަދަ 16 ބުރުގައި ސްޕެއިން ބައްދަލުކުރަން ޖެހޭނީ މިރޭ ޕޯޗުގަލް އާއި ކްރޮއޭޝިއާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.



