ފީފާ ވޯލްޑް ކަޕް 2026 ގެ ދެވަނަ ބުރުގައި، މި މުބާރާތް ހަތަރު ފަހަރު ކާމިޔާބުކޮށްފައިވާ ޖަރުމަނުވިލާތް ބަލިކޮށް، ޕެރަގުއޭއިން މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފިއެވެ.
އެމެރިކާގެ ބޮސްޓަން ސްޓޭޑިއަމުގައި މިރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތާއި، އިތުރު ވަގުތުގެ ދެ ހާފުގެ ކުޅުން ނިމުނުއިރު 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި 4-3 ގެ ނަތީޖާއަކުން ޕެރަގުއޭއިން ވަނީ ކުރިހޯދާފައެވެ.
މިމެޗުގެ ކުރީކޮޅު ޖަރުމަނުން ބޯޅަ ކޮންޓްރޯލްކޮށް، ޕެރަގުއޭގެ ހާފަށް ބާރުބޮޑުކުރި ނަމަވެސް، ފުރަތަމަ ހާފުގައި ޖަރުމަނަށް ޕެރަގުއޭގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ.
މެޗުގެ 35 ވަނަ މިނެޓާ ހަމައަށް އައިއިރު، ޖަރުމަނުން 244 ޕާސް ފުރިހަމަކޮށްފައިވާއިރު، ޕެރަގުއޭއަށް ފުރިހަމަކުރެވުނީ އެންމެ 31 ޕާހެވެ. ނަމަވެސް ޕެރަގުއޭއިން، އެ ޓީމުގެ ރޭވުންތެރިކަމާއެކު މެޗުގެ ފުރަތަމަ ލަނޑު ޖަހައި އެންމެން ހައިރާންކޮށްލިއެވެ. ކަނާތްފަރާތުން އުފެއްދި ހަލުވި ހަމަލާއެއްގައި، ހޫލިއޯ އެންސީސޯ ވަނީ ބޮލުން ފޮނުވާލި ހަމަލާއެއް ގޯލުގެ ތެރެއަށް އަމާޒުކޮށް، ވޯލްޑް ކަޕުގެ ނޮކްއައުޓް މަރުހަލާގައި އެ ޤައުމުން ޖެހި ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީފައެވެ.
ދެވަނަ ހާފު ފަށައިގެން ނުވަވަނަ މިނެޓުގައި ފްލޯރިއަން ވާޓްޒް ނަގައިދިން ހުރަހަކުން ކައި ހަވާޓްޒް ވަނީ ބޮލުން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އޭގެ ފަހުންވެސް ޖަރުމަނަށް ލަނޑު ޖަހާނެ ފުރުސަތުތައް ލިބުނު ނަމަވެސް، ޕެރަގުއޭގެ ގޯލްކީޕަރު އޮލަންޑޯ ގިލް ވަނީ ހުށިޔާރުކަމާއެކު އެ ހަމަލާތައް ދިފާއުކޮށްފައެވެ.
މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޖަރުމަނުގެ ޖޮނަތަން ޓާ ލަނޑެއް ޖެހި ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު، އެއީ ކީޕަރަށް ކުރި ފައުލެއް ކަމަށް ނިންމައި އެ ލަނޑު ބަލައިނުގަތެވެ.
ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީތަކުގައި ޖަރުމަނުގެ ހަވާޓްޒް، ނިކް ވޯލްޓެމޭޑް އަދި ޖޮނަތަން ޓާގެ ޕެނަލްޓީތައް ކާމިޔާބުނުވުމުގެ ފައިދާ ނަގައި، ކަނާލޭ ވަނީ ފަހު ޕެނަލްޓީ ކާމިޔާބުކޮށް ޕެރަގުއޭއަށް ތާރީޚީ މޮޅެއް ހޯދައިދީފައެވެ.
ޕެރަގުއޭއަށް ތާރީޚީ ކާމިޔާބީއެއް ކަށަވަރުކޮށްދިން ފަހު ޕެނަލްޓީ ކާމިޔާބުކޮށްދިނީ ހޯސޭ ކަނާލޭއެވެ. މި އުފާވެރި މޮޅާއެކު ގަދަ 16 ގައި ޕެރަގުއޭ ބައްދަލުކުރަން ޖެހޭނީ ފްރާންސް ނުވަތަ ސްވިޑަންއާއެވެ. މިއީ 2010 ވަނަ އަހަރުގެ ކުއާޓާ ފައިނަލަށް ދަތުރުކުރުމަށްފަހު، މިހާތަނަށް ވޯލްޑް ކަޕުގެ މުބާރާތަކަށް ކޮލިފައިވެފައިނުވާ ޕެރަގުއޭއަށް، މި މުބާރާތުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ.



