ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ’އައި‘ އެއްގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި ނޯވޭގެ މައްޗަށް 4-1 ގެ ބޮޑު މޮޅެއް ހޯދައި، ފްރާންސުން ގްރޫޕްގެ އެއްވަނަ ކަށަވަރުކޮށްފިއެވެ.
އެމެރިކާގެ ފޮކްސްބޮރޯގެ ބޮސްޓަން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ފްރާންސްގެ ތަރި އޮސްމާން ޑެމްބެލޭ ވަނީ ފުރިހަމަ ހެޓްރިކެއް ހަދާފައެވެ. މެޗު ފެށިގެން އެންމެ 25 ސިކުންތުގެ ތެރޭގައި ކެޕްޓަން ކީލިއަން އެމްބާޕޭ ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ހުރަސް ދަނޑީގައި ޖެހުނުއިރު، މެޗުގެ 7 ވަނަ މިނެޓުގައި އެމްބާޕޭ ތަނަވަސްކޮށްދިން ފުރުސަތަކުން ޑެމްބެލޭ ވަނީ ފްރާންސަށް ކުރިހޯދައިދީފައެވެ.
މެޗުގެ 20 ވަނަ މިނެޓުގައި ޑެމްބެލޭ އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކުރި ނަމަވެސް، އޭގެ މިނެޓެއް ފަހުން ނޯވޭގެ ތެލޯ އާސްގާޑް ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. ނަމަވެސް 32 ވަނަ މިނެޓުގައި ޑެމްބެލޭ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށް، ފްރާންސަށް މެޗުގެ ކޮންޓްރޯލް ހޯދައިދީފައެވެ. މިއީ ވޯލްޑް ކަޕް ތާރީޚުގައި ފެނުނު ދެވަނައަށް އެންމެ އަވަސް ހެޓްރިކެވެ.
ދެވަނަ ހާފުގައި ނޯވޭއަށް ފަރަގު ކުޑަކުރަން ރަނގަޅު ފުރުސަތެއް ލިބުނެވެ. ނޯވޭގެ އޮސްކާ ބޮބްއަށް އޭރިއާ ތެރެއިން ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ، ޔޯގެން ސްޓްރޭންޑް ލާސަން ފޮނުވާލުމުން ފްރާންސްގެ ކީޕަރު މައިކް މައިންޔާން ވަނީ ދިފާއުކޮށްފައެވެ. މެޗުގެ ފަހު މިނެޓުގައި ފްރާންސްގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޑެސިރޭ ޑޫއޭއެވެ.
ނޯވޭގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ އާލިން ހާލަންޑް އަދި މާޓިން އޮޑެގާޑް މި މެޗުގައި ކުޅެފައެއް ނުވެއެވެ. އެއީ ދެވަނަ ބުރުގެ މެޗަށް ތައްޔާރުވުމުގެ ގޮތުން ކޯޗު ނިންމި ނިންމުމެކެވެ.
މި ނަތީޖާއާއެކު ގްރޫޕް ’އައި‘ ގެ އެއްވަނަ ޓީމުގެ ގޮތުގައި ފްރާންސް ދެވަނަ ބުރަށް ދަތުރުކުރިއިރު، އެ ޓީމު ބައްދަލުކުރަން ޖެހޭނީ ސްވިޑަންއާއެވެ. ގްރޫޕްގެ ދެވަނަ ހޯދި ނޯވޭ ދެވަނަ ބުރުގައި ބައްދަލުކުރާނީ އައިވަރީ ކޯސްޓާއެވެ. މި ގްރޫޕްގައި ހިމެނޭ ސެނެގާލް ވަނީ ރޭ އިރާގު އަތުން 5-0 އިން މޮޅުވެ، ތިންވަނަ ހޯދި ޓީމުތަކުގެ ތެރެއިން ދެވަނަ ބުރަށް ދިއުމުގެ އުންމީދު ބޮޑުކޮށްފައެވެ.



