ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ބެލްޖިއަމާއި އިރާން ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެއެވެ.
ގްރޫޕް ޖީގައި މި ދެ ޓީމު ފުރަތަމަ ކުޅުނު މެޗުތަކުން ވަނީ އެއްވަރުވެފައެވެ. އެ ގޮތުން، ބެލްޖިއަމް އިން 1-1 އިން މިސްރާ އެއްވަރުވިއިރު، ނިއު ޒީލެންޑާއި އިރާން ވަނީ 2-2 އިން އެއްވަރުވެފައެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ބެލްޖިއަމްގެ ކެޕްޓަން، ޔޫރީ ޓީލަމަންސް ފޮނުވާލި ހަމަލާއެއް އިރާންގެ ކީޕަރު، އަލީ ރެޒާ ބީރަންވަންދް މަތަކުރިއިރު، އިރާންގެ ކެޕްޓަން، މަހުދީ ތަރޭމީ ޖެހި ގޯލެއް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) މެދުވެރިކޮށް ބަލައި، އޮފްސައިޑް ކަމަށް ވަނީ ނިންމައިފައެވެ.
ދެވަނަ ހާފުގައި ބެލްޖިއަމްގެ ފުލްބެކް، މެކްސިމް ޑި ކުއިޕާ ފޮނުވާލި ބާރު ހަމަލައެއް އިރާނުގެ ކީޕަރު އަލީ ރެޒާ ވަނީ މަތަކޮށްފަ އެވެ. އަދި، ބެލްޖިއަމްގެ ޑިފެންޑަރުން ކައިރިން ރަނގަޅު ތަނަށް ނުކުމެ ހުރެ ތަރޭމީ ޖެހި ޝޮޓެއް ކީޕަރު، ކޯޓުއާ ވަނީ މަތަކޮށްފައެވެ.
މި މެޗުގައި ބެލްޖިއަމަށް މައްސަލަ ދިމާވީ، ފަހު 20 މިނެޓްތެރޭ އެޓީމުގެ ނެތަން އެންގޯއި އަށް ރަތްކާޑު ދެއްކުމުންނެވެ. އޭނާއަށް ރަތްކާޑު ދެއްކީ ފަހަތަށް ޖައްސާލި ބޯޅަ އަށް ހުސްކޮށް، ތަރޭމީ ދުއްވައިގަތް ވަގުތުގައި އޭނާ ގައިގައި ހިފެހެއްޓުމުންނެވެ.
އެއް ކުޅުންތެރިއަކު މަދުކޮށް ބެލްޖިއަމުން ޑިފެންސަށް ފައިބައިގެން ކުޅެމުންދިޔައިރު، އެޓީމަށް އިރާނުގެ ގޯލަށް މާބޮޑު ނުރައްކަލެއް ކުރެވިފައެއް ނުވެއެވެ.



