ވޯލްޑް ކަޕް ގްރޫޕް އީ ގައި ކިއުރެސާއޯ އިން އިކުއެޑޯ ހިފަހައްޓައި، ވޯލްޑް ކަޕްގެ ތާރީޚުގައި އެ ގައުމުގެ ފުރަތަމަ ޕޮއިންޓް ހޯދައި ކުދި ޤައުމުތަކަށް މެސެޖެއް ދީފިއެވެ.
އެމެރިކާގެ ކެންސަސް ސިޓީގައި ހުންނަ އެރޯހެޑް ސްޓޭޑިއަމްގައި މިއަދު ހެނދުނު ކުޅުނު އެމެޗު އެއްވަރުވީ ލަނޑެއް ނުޖެހިއެވެ.
ދޮޅުލައްކައެއްހާ މީހުންގެ ކުޑަކުޑަ އާބާދީއެއް އޮންނަ ކިއުރެސާއޯ އިން މެޗު އެއްވަރުކުރުމުން، މިއީ އެ ގައުމުގެ ތާރީހުގައި ދުނިޔޭގެ އެންމެ ޝަރަފުވެރި މުބާރާތުގައި ހޯދި ފުރަތަމަ ޕޮއިންޓެވެ.
މުބާރާތުގައި މި ދެ ޓީމުގެ ފުރަތަމަ މެޗުން ދެ ގައުމު ވެސް ވަނީ ބަލިވެފައެވެ. އިކުއެޑޯ ފުރަތަމަ މެޗުން އައިވަރީ ކޯސްޓް އަތުން ބަލިވީ 1-0 ންނެވެ. ވޯލްޑް ކަޕްގައި އަލަށް ވާދަކުރާ ކިއުރެސާއޯ ވަނީ ޖަރުމަނު އަތުން 7-1 އިން ބަލިވެފަ އެވެ.
މުބާރާތުގައި ކުރިއަށްދިއުމަށް މި ދެ ޓީމަށް ވެސް މި މެޗުން ތިން ޕޮއިންޓް ހޯދުން އޮތީ މަޖުބޫރުވެފައެވެ.
އިކުއެޑޯ އިން ވަނީ މެޗުގެ ބޮޑުބައެއް ކޮންޓްރޯލްކޮށް، ކިއުރެސާއޯގެ ގޯލަށް ނުރައްކާތެރި 26 ހަމަލާ ފޮނުވާލާފައެވެ. އެކަމަކު އެ ޓީމަށް ގޯލް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.
މެޗުގެ ދެވަނަ މިނެޓުގައި އިކުއެޑޯގެ ފޯވާޑް އެނާ ވެލެންސިއާ ފޮނުވާލި ބާރު ހަމަލާއެއް ކިއުރެސާއޯގެ ގޯލްކީޕަރު ވަނީ ދިފާޢުކޮށްފައެވެ. އަދި މެޗުގެ ފަހު މިނެޓުކޮޅުގެ ތެރޭގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އޭންޖެލޯ ޕްރެސިއާޑޯ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
އިކުއެޑޯގެ ވަރުގަދަ ހަމަލާތައް ހުއްޓުވުމުގައި ކިއުރެސާއޯގެ ގޯލްކީޕަރު އެލޯއީ ރޫމް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އޭނާ ވަނީ އިކުއެޑޯގެ ނުރައްކާތެރި 13 ހަމަލާއެއް ދިފާއުކޮށްފައެވެ.
ނެދަލެންޑްސްގެ ޓެރިޓަރީއެއްގެ ގޮތުގައި ކެރީބިއަން ކަނޑުގައި އޮންނަ ކުޑަކުޑަ ޖަޒީރާ ގައުމު، ކިއުރެސާއޯގެ ކޯޗަކީ، ނެދަލެންޑްސްގެ ކުރީގެ ކޯޗު ޑިކް އެޑްވޮކާޓެވެ.



