- Advertisement -spot_img

ވޯލްޑް ކަޕް: ފަހަތުން އަރައި އައިވަރީ ކޯސްޓް ބަލިކޮށް ޖަރުމަނުން ދެވަނަ ބުރަށް ދަތުރުކޮށްފި

ވޯލްޑް ކަޕް 2026 ގެ ގްރޫޕް އީ ގައި މިރޭ ކުޅުނު ފޯރިގަދަ މެޗުން އައިވަރީ ކޯސްޓް 2-1 އިން ބަލިކޮށް، ޖަރުމަނުން މުބާރާތުގެ ގަދަ 32 ގެ ބުރުން ޖާގަ ކަށަވަރުކޮށްފިއެވެ.

ކެނެޑާގެ ޓޮރޮންޓޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފެށިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ޖަރުމަނުންނެވެ. ނަމަވެސް މެޗުގެ 30 ވަނަ މިނެޓުގައި އައިވަރީ ކޯސްޓްގެ ފްރޭންކް ކެސިއޭ ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ކުރިހޯދައިދީފައެވެ. މި ލަނޑާއެކު ފުރަތަމަ ހާފު ނިމުނީ 1-0 އިން އައިވަރީ ކޯސްޓް ކުރީގައި އޮވެގެންނެވެ.

ޖަރުމަނުން މެޗުގެ ނަތީޖާ އަނބުރާލީ ދެވަނަ ހާފުގައި ކުޅެން އެރި ކުޅުންތެރިންގެ އެހީގައެވެ. އެގޮތުން މެޗުގެ 68 ވަނަ މިނެޓުގައި އަމީރީ ނަގައިދިން ހުރަހަކުން ޑެނިޒް އުންޑާވް ވަނީ ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކޮށްދީފައެވެ. ޖަރުމަނުން މެޗުން މޮޅުވި ލަނޑު ޖެހީ އިތުރު ވަގުތުގެ 4 ވަނަ މިނެޓުގައެވެ. މި ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖެހި އުންޑާވްއެވެ.

މި މެޗުގައި ޖަރުމަނުގެ ފަރާތުން ފާހަގަކޮށްލެވޭ ވަރުގަދަ ކުޅުމެއް ފެނިގެންދިޔައިރު، ހާވާޓްޒް އާއި މުސިއާލާ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ނަމަވެސް އައިވަރީ ކޯސްޓްގެ ގޯލްކީޕަރު ފޮފާނާ ވަނީ ގިނަ ހަމަލާތަކެއް ދިފާއުކޮށްފައެވެ.

މި މޮޅާއެކު ޖަރުމަނުން ވަނީ 2018 އަދި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ގްރޫޕް ސްޓޭޖުން ކެޓުމުގެ ހިތްދަތި ހަނދާންތައް ފޮހެލައި، ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. މެޗު ބަލަން ވަން ގިނަ އަދަދެއްގެ ޖަރުމަނު ސަޕޯޓަރުންނާއެކު މުޅި ޓޮރޮންޓޯ ސިޓީގައި މިހާރު ދަނީ މި ކާމިޔާބީ ފާހަގަކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް