- Advertisement -spot_img

ދިވެހި ޕްރިމިއާ ލީގު ކޮލިފައިން: ދެކުނު ޗެމްޕިއަންގެ މައްޗަށް އުތުރު ޗެމްޕިއަން ކުރި ހޯދައިފި

ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ޕްލޭއޮފްގެ ދެވަނަ މެޗު ނޯތު ރީޖަނަލްގެ ޗެމްޕިއަން ހއ. ދިއްދޫ ރޭ ކާމިޔާބުކޮށްފިއެވެ.

ރޭ ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ދިއްދޫ ކާމިޔާބުކުރީ ސައުތު ރީޖަން ލީގުގެ ޗެމްޕިއަން ގދ. ގައްދޫ 1-0 އިން ބަލިކޮށްގެންނެވެ.

މެޗުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައިރު ދިއްދޫގެ ލަނޑު ފެނިގެން ދިޔައީ ދެވަަނަ ހާފުގައެވެ. އެއީ ދިއްދޫގެ ޖޯޒީ ނަންބަރު 11 ސިފާހް (ސިފައްޓީ) ޕެނަލްޓީ އޭރިއާގެ ތެރެއިން ނަގައިދިން ބޯޅައެއް އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ޖޯޒީ ނަންބަރު 25 ޔޫސުފް ބޮލުން ޖަހައި ގޯލްގެ ތެރެއަށް ވައްދާލައިގެން ޖެހި ލަނޑެކެވެ.

އެ ލަނޑުގެ ފަހުން ވެސް ދިއްދޫ އަށް ވަނީ ލީޑު ފުޅާކުރާނެ ގިނަ ފުރުސަތުތަކެއް ލިބި ނާކާމިޔާބުވެފައެވެ. ގައްދޫ އިން ނަތީޖާ ހަމަކުރެވޭތޯ ގިނަ މަސައްކަތްތަކެއްކޮށްފައިވާއިރު ދިއްދޫގެ ލަނޑަށްފަހު ގައްދޫއިން އުފެއްދި ހަމަލާތައް ނާކާމިޔާބުކޮށްލުމުގެ ދިއްދޫގެ ގޯލް ކީޕަރ ޝާހިދު މޮޅު ސޭވްތަކާއި ޑިފެންޑަރުންގެ ކުޅަދާނަ ދިފާއު ވަނީ ފެނިގެންގޮސްފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ދިއްދޫ އަށް ލަނޑުޖަހައިދިން ޔޫސުފްއެވެ.

މި ނަތީޖާއާއެކު ދިއްދޫ ވަނީ ތިން ޕޮއިންޓާއެކު ތާވަލްގެ އެއްވަނަ ލިބިފައެވެ. ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ޕްލޭއޮފްގެ ފުރަތަމަ މެޗުގައި ގްރީން ސްޓްރީޓްސް އާއި ސެންޓްރަލް ލީގު ޗެމްޕިއަން ކ. ހުރާ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުފައިވުމުން އެ ދެޓީމުންކުރެ ކޮންމެ ޓީމަކަށް ވެސް ވަނީ އެއް ޕޮއިންޓް ލިބިފައެވެ.

ދިއްދޫގެ ދެވަނަ މެޗު ކުޅޭނީ ޖޫން 13 ވަނަ ދުވަހު މި ސީޒަންގެ ޕްރިމިއާ ލީގުގެ އަށް ވަނަ ޓީމު ޓީސީ ސްޕޯޓްސް ކްލަބާއި ދެކޮޅަށެވެ. ދިއްދޫގެ ތިން ވަނަ މެޗު އޮންނާނީ ޖޫން 16 ގައެވެ. އެ މެޗުގައި ދިއްދޫ ނުކުންނާނީ ސެންޓްރަލް ލީގު ޗެމްޕިއަން ކ. ހުރައާއި ދެކޮޅަށެވެ.

20 ޖޫންގައި ދިއްދޫ ބައްދަލުކުރާނީ ގްރީން ސްޓްރީޓްސް އާއެވެ. އަދި ޕްލޭ އޮފްގައި ދިއްދޫގެ ފަހު މެޗުގައި ނުކުންނާނީ 24 ޖޫންގައި ބިސް ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.

ގުޅުންހުރި ލިޔުންތައް