- Advertisement -spot_img

ޑައިމަންޑް ޖުބިލީ: އަފްގާނިސްތާން އަދި ބަންގްލަދޭޝްގެ މެޗު އެއްވަރު

ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި މިހާރު ކުރިއަށްދާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގައި ރޭ ކުޅުނު މެޗުގައި ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމުން އަފްގާނިސްތާނާ 0-0 އިން އެއްވަރުކޮށް ޕޮއިންޓެއް ހޯދައިފިއެވެ.

ލީގު ބުރުގެ ތާވަލުގެ އެއް ވަނައިގައި ޕާކިސްތާން އޮތީ ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައި، ފައިދާ ތިން ލަނޑާ އެކު އެވެ. ދެ ވަނައިގައި އޮތް އަފްގާނިސްތާން އަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބުނުއިރު، ފައިދާ އޮތީ އެންމެ ގޯލެކެވެ. އަދި، ތިން ވަނައިގައި އޮތް ބަންގްލަދޭޝް އަށް ވަނީ ދެ މެޗުން ދެ ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތް ރާއްޖެ އަށް ދެ މެޗުން ޕޮއިންޓެއް ނުލިބެއެވެ.

އަފްގާނިސްތާނުން ވަނީ މެޗު ފަށައިގެން ރަނގަޅު ހަމަލާއެއް ފޮނުވާލައިފަ އެވެ. އެ ގޮތުން، އެ ޓީމުގެ ކެޕްޓަން، އޮމިދު ޕޮޕޯލްޒޭ، ހާފުގެ މެދެއްހާ ހިސާބުން ފޮނުވާލި ބޯޅަ ބޭރަށް ދިޔައީ، ބަންގްލަދޭޝްގެ ކީޕަރު، މެހެދީ ހަސަން ސްރަބޯރީ އަތްމަތިން ގޮސް ދަނޑީގައި ޖެހިލައިފައެވެ.

ބަންގްލަދޭޝް އިން މަޑުމަޑުން މެޗުގެ ތެރެއަށް އައިސް ފުރުސަތުތައް ތަނަވަސްކުރަން ފެށި އެވެ. އެ ގޮތުން، އެ ޓީމުގެ ރާބީ ހުސެން ރާހުލް، އޭރިއާތެރެއަށް ބޯޅަ ހިފައިގެންވަދެ، ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އޭގެ ފަހުން، އޭރިއާތެރެއަށް ހުރަސްކޮށްލި ބޯޅައަކަށް އަރައި، ބަންގްލަދޭޝް ޓީމުގެ ޕިއާސް އަހުމަދު ނޯވާ ބޮލުން ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން އަފްގާނިސްތާންގެ ޕޮޕޯލްޒޭ އަށް ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ދިޔައީ ގޯލާ ސީދާނުވެއެވެ.

ދެ ވަނަ ހާފުގައި ވެސް ދެ ޓީމުން ގޯލެއް ޖެހޭތޯ މަސައްކަތްކުރިއިރު، އެންމެ ރަނގަޅު ހަމަލާއެއް ފޮނުވާލީ ރާބީ އެވެ. އެ ގޮތުން، އަފްގާނިސްތާން އޭރިއާތެރެއިން ލިބުނު ފުރުސަަތެއްގައި ރާބީ ޖެހި ޝޮޓް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. މީގެ އިތުރުން، ކޯނަރެއްގައި ރަނގަޅު ރޭވުމަކަށް ފަހު، އަފްގާނިސްތާން އޭރިއާތެރެއިން ބަންގްލަދޭޝްގެ ނަޒްމުލް ހުދާ ފައިސަލް ޖެހި ޝޮޓް ވަނީ ބްލޮކްވެފައެވެ.

އަގްފާނިސްތާނުން ވެސް ބަދަލުތަކެއް ގެނެސްގެން ލަނޑު ޖެހޭތޯ ބެލި ނަމަވެސް އޭގެއިން އެއްވެސް ފުރުސަތެއް ގޯލަކަށް ހަދައިނުލެވި މެޗު އެއްވަރުވެގެން ނިމުނީއެވެ.

ޑައިމަންޑް ޖުބިލީ މެޗުތައް ދެން އޮންނާނީ އާދިއްތަ ދުވަހުއެވެ. އެ ދުވަހު، ހަވީރު ޕާކިސްތާނުން ވާދަކުރާނީ އަފްގާނިސްތާންއާ އެވެ. އަދި، އެރޭ ކުޅޭ މެޗުގައި ރާއްޖޭން ބަންގްލަދޭޝްގެ ޒުވާން ޓީމާ ދެކޮޅަށް ނުކުންނާނެއެވެ.

ގުޅުންހުރި ލިޔުންތައް