ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި މިހާރު ކުރިއަށްދާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުން ޕާކިސްތާން އަތުން 3-0 އިން ބަލިވެ، ބާކީ މެޗެއް އޮއްވައި ރާއްޖެ މުބާރާތުން ކަޓައިފިއެވެ.
ޕާކިސްތާނާއި ރާއްޖޭން މިއަދުގެ މެޗަށް ނުކުތީ ބަދަލުތަކާ އެކުއެވެ. އެ ގޮތުން، ފުރަތަމަ މެޗުގައި ރާއްޖޭގެ ކެޕްޓަން ބޭންޑް އަޅައިގެން ފެށި ހަމްޒާ މުހައްމަދު (ހަމްޕު) އާއި ގޯލްކީޕަރު، ހުސެއިން ޝަރީފް (ހުސެން)ގެ ބަދަލުގައި މިއަދުގެ މެޗު ފެށީ ނާއިޒު ހަސަން (ދާދު) އާއި މުހައްމަދު ފައިސަލްއެވެ. ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ ކީޕަރު ފައިސަލްއެވެ.
ގަލޮޅު ދަނޑުގައި މިއަދު ބޯ ވިއްސާރައިގައި ފުރަތަމަ ހާފު ފަށައިގެން ކުޅުނުއިރު، ދެ ޓީމުން ވެސް އެޓޭކަށް ދިޔަ ބޯޅަތަކުގައި ރަނގަޅަށް ފުރުސަތެއް ތަނަވަސްކުރެވޭ ގޮތެއްނުވި އެވެ. އެ ގޮތުން، ރާއްޖޭގެ އަހުމަދު އައިހަމް (ފަތޯ) އަށް ފުރަތަމަ ހާފުގައި ބޮލުން ޖަހަން ލިބުނު ފުރުސަތުގައި އެ ބޯޅަ ބްލޮކްވިއިރު، އަހުޒަމް ރަޝީދު (އަހު) ނެގި ހުރަހަށް ބޯޅަ ފޮނުވާލަން އެރި މުހައްމަދު އިލާން އިމްރާން އާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަށް ލިބޭ ގޮތެއްނުވިއެވެ. އަދި، ރާއްޖޭގެ ދާދު އަށް ފުރަތަމަ ހާފުގައި ޕާކިސްތާން ޑިފެންސް ފަހަތުން މާގިނަ ބޯޅަތަކެއް ލިބޭ ގޮތެއްނުވިއެވެ.
ފުރަތަމަ ހާފުގައި ޕާކިސްތާންގެ އެންމެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައީ، ބަންގްލަދޭޝް ޕްރިމިއާ ލީގުގައި ބްރަދާސް ޔޫނިއަން އަށް ކުޅޭ ޝާޔަކް ދޯސްތު އަށެވެ. އެ ގޮތުން، އޭރިއާ ރޮނގުމަތިން އޭނާ އަށް ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.
ރާއްޖޭން ދެ ވަނަ ހާފުގައި ކުޅުން ފެށީ އަހު އާއި ދާދުގެ ބަދަލުގައި އަލީ ފާސިރު (ސެންޓޭ) އާއި ނައްސާހު އިބްރާހިމް ނާސިރު ކުޅެން އެރި އެވެ. އަދި، ފުރަތަމަ ދެ މިނިޓް ތެރޭގައި އެ ދެ ކުޅުންތެރިންނަށް ވެސް ގޯލަށް ބޯޅަ ފޮނުވާލަން ލިބުނު ފުރުސަތުތަކުގައި، ޖެހި ޝޮޓްތައް ވަނީ ބްލޮކްވެފަ އެވެ.
ރާއްޖޭން އެޓޭކަށް ޖެހިގެން ކުޅެމުން ދަނިކޮށް، ޕާކިސްތާނުން ވަނީ ދެ ވަނަ ހާފުގައި ލިބުނު ފުރަތަމަ ހުސް ފުރުސަތުގައި ގޯލު ޖަހައިފަ އެވެ. މެޗުގެ 53 ވަނަ މިނިޓްގައި މި ލަނޑު ޖެހީ، އިނގިރޭސި ކްލަބް، ވްރެކްސަމް އަށް ކުޅޭ އުމަރު ނަވާޒްއެވެ. މިއީ، ރާއްޖޭގެ ޑިފެންސް ފަހަތުން އެރިއާތެރެއިން ޕާކިސްތާންގެ ހައްޔާން ކަޓަކް ފޮނުވާލި ބޯޅައެއް ކީޕަރު ފައިސަލް އަތުގައި ޖެހިފައި ރީބައުންސަށް ނުކުތް ވަގުތު ނަވާޒް ގޯލުގެ މަތީ ދާގަނޑަށް ބޯޅަ އަމާޒުކޮށްލައިގެން ޖެހި ގޯލެކެވެ.
ރާއްޖޭން ވަނީ މެޗުގެ 77 ވަނަ މިނިޓްގައި، ހުސެއިން ސިފާއު ޔޫސުފް (ކުރޯ)ގެ ބަދަލުގައި އަލީ އަޝްފާގު (ދަގަނޑޭ) ކުޅެން އަރުވައިފައެވެ. ދަގަނޑޭ އަށް ކުރި ފައުލަކަށް ލިބުނު ހިލޭ ޖެހުމަކުން ސެންޓޭ ފޮނުވާލި ބޯޅަ ކީޕަރު ބަޓް ވަނީ މަތަކޮށްފަ އެވެ.
ޕާކިސްތާނުން ދެ ވަނަ ލަނޑު ޖެހީ މެޗުގެ 84 ވަނަ މިނިޓްގައި އަބްދުލް ސަމަދު ޝަހުޒާދު އެވެ. އޭރިއާތެރެއިން ލިބުނު ބޯޅައެއް އޭނާ ވަނީ ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިފަ އެވެ. އަދި، އޭގެ ހަތަރު މިނިޓް ފަހުން، ޕާކިސްތާނުން ތިން ވަނަ ގޯލު ޖެހިއެވެ. މި ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި، ޕޮލެންޑް ކްލަބަކަށް ކުޅެމުން އަންނަ ހާރޫން ހާމިދު އެވެ. އުމުރުން 22 އަހަރުގެ ހާމިދު ޖެހި ޝޮޓް ގޯލަށް ވަނީ ކުޅުންތެރިއަކު ގައިގައި ޖެހިފައެވެ.
ރާއްޖޭން ވަނީ 2008 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގައި 3-0 އިން ޕާކިސްތާން ބަލިކޮށްފައެވެ.



