- Advertisement -spot_img

ޑައިމަންޑް ޖުބުލީ: އަޝްފާގު ފީފާ ސެންޗަރީ ކުލަބަށް. ފުރަތަމަ މެޗުން ރާއްޖެ ބަލިވެއްޖެ

މިހާރު މާލޭގައި ކުރިއަށްދާ ޑައިމަންޑް ޖުބުލީ އިންވިޓޭޝަނަލް ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗުގައި އަފްގާނިސްތާން އަތުން ދިވެހިރާއްޖެ 1-0 ގެ ނަތީޖާއަކުން ބަލިވެއްޖެއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، އަފްގާނިސްތާނުން މެޗުގެ ލީޑުހޯދީ 80 ވަނަ މިނެޓުގައެވެ.

މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އެޓީމުގެ ރޯމަން ފާޒީ އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އަފްގާނިސްތާން ކުރީގައި އޮވެގެންނެވެ. އަދި މިއީ ރާއްޖެ އަތުން އަފްގާނިސްތާން ޖެހިޖެހިގެން މޮޅުވި ތިންވަނަ މެޗެވެ.

މިދެޓީމު މީގެ ކުރިން ކުޅުނު ހަ މެޗުގެ ތެރެއިން ފުރަތަމަ ދެ މެޗުން ރާއްޖެ މޮޅުވެފައިވާއިރު، ޖެހިގެންއައި ދެ މެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ. އަދި އެންމެ ފަހުން ކުޅުނު ދެމެޗު ކާމިޔާބުކުރީ އަފްގާނިސްތާނުންނެވެ.

އެގޮތުން 2005 ވަނަ އަހަރު މިދެޓީމު އެންމެ ފުރަތަމަ ކުޅުނު މެޗު 9-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ދިވެހި ޓީމު ކާމިޔާބުކުރިއިރު، އެމެޗުގައި ރާއްޖެއަށް ދެލަނޑު ކާމިޔާބުކޮށްދިން އަލީ އަޝްފާގް ވަނީ މިރޭގެ މެޗުގައި ވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެފައެވެ. އަދި މިއީ އަޝްފާގު ދިވެހި ގައުމީ ޓީމަށް ކުޅެދިން 100 ވަނަ މެޗެވެ.

މިއާއެކު ފީފާ ސެންޗަރީ ކުލަބުން އަޝްފާގު ޖާގަ ހޯދިއިރު، އެންމެ ފުރަތަމަ ފީފާ ސެންޗަރީ ކުލަބު ޖާގަ ހޯދި ދިވެހި ކުޅުންތެރިއަކީ ރާއްޖޭގެ ތާރީޚުގައި އުފެދުނު އެންމެ މޮޅު ގޯލް ކިޕަރު އިމްރާން މުހައްމަދު އެވެ.

މިމުބާރާތުގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމާއި ޕާކިސްތާން ވާދަކުރި މެޗު ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްފަހަރު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ފައިނަލް ކުޅޭ ގޮތަށެވެ.

މުބާރާތުގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ބުދަ ދުވަހުގެ ހަވީރު ޕާކިސްތާނާއި ދެކޮޅަށް ނުކުންނައިރު، ބުދަ ދުވަހުގެ ރޭ އަފްގާނިސްތާނުން ނުކުންނާނީ ބަންގްލަދޭޝާއި ދެކޮޅަށެވެ.

ގުޅުންހުރި ލިޔުންތައް