- Advertisement -spot_img

ޤައުމީ ޓީމުގެ ކެޕްޓަންކަން އިތުބާރު ފޯވާޑް ހަމްޕު އަށް

މިއަދު ފަށާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގައި ދަނޑުމަތީގައި ޓީމު ލީޑު ކުރުމުގެ ޒިންމާއާއިއެކު، ޤައުމީ ޓީމުގެ ކެޕްޓަންކަން އިތުބާރު ފޯވާޑް ހަމްޒާ މުޙައްމަދު (ހަމްޕު) އާ ހަވާލުކޮށްފިއެވެ.

ރާއްޖެއިން މިފަހަރުގެ މުބާރާތާ ކުރިމަތިލަނީ ޓީމުގެ ކެޕްޓަންގެ މަގާމުގައި ހުރި ތަޖުރިބާކާރު ޑިފެންޑަރު ސަމޫޙު އަލީ (ސަމުއްޓޭ) ސްކޮޑުގައި ނުހިމަނައެވެ. ލިބުނު އަނިޔާއެއްގެ ސަބަބުން ސަމޫޙުއަށް ޓީމުން ބޭއްވި ފަރިތަކުރުންތަކުގައި ވެސް ބައިވެރިވެވޭގޮތް ނުވިއެވެ.

މުބާރާތުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންމެ ޓީމެއްގެ ވެސް ކޯޗާއި ޓީމުގެ ކެޕްޓަން ބައިވެރިވިއިރު ރާއްޖެ ޓީމުގެ ކޯޗު އިސްޓަވާން އުރުބާނީއާއިއެކު ނޫސްވެރިންގެ ބައްދަލުވުމަށް އައީ ހަމްޒާއެވެ. އެހެންކަމުން ޓީމުގެ ކެޕްޓަނަކީ ހަމްޒާތޯ އެހުމުން ކޯޗު އުރުބާނީ ވަނީ ހަމްޒާއަކީ ދަނޑުމަތީގައި ޓީމު ލީޑު ކުރާނެ ކުޅުންތެރިޔާކަން ހާމަކޮށްފައެވެ.

އެހެންނަމަވެސް އެ ޒިންމާ އޭނާއާއި ހަވާލުކުރުމަށްފަހު، އެއީ ހަމްޒާއަށް ކުރެވޭ ވަރުގެ ކަމެއްތޯ ބަލާނެކަމަށް އުރުބާނީ ބުންޏެވެ.

ކޯޗުގެ ވާހަކައިން، އަފްޣާނިސްތާން މެޗަކީ ހަމްޒާއަށް ވަރަށް ޙާއްސަ މެޗަކަށް ވާނެކަން ފާހަގަކުރެވުނެވެ. އެއީ މި މެޗު ވެގެންދާނީ ހަމްޒާގެ ކިބައިގައި، ކެޕްޓަނެއްގެ ޒިންމާ އެންމެފުރިހަމައަށް އަދާކުރުމުގެ ގާބިލުކަން ހުރިތޯ ދެނެގަތުމަށް ކޯޗު އުރުބާނީ ދޭ އިމްތިހާނަކަށް ވާތީއެވެ.

މުބާރާތަށް އެކުލަވާލި 23 ކުޅުންތެރިންގެ ސްކޮޑު މިހާރު ފައިނަލްކޮށްފައިވާއިރު، ޓީމުގައި ހިމެނޭ އެންމެ ތަޖުރިބާކާރު ކުޅުންތެރިއަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާޤް (ދަގަނޑޭ) އެވެ. އޭގެއިތުރުން އަލީ ފާސިރު (ސެންޓޭ) އަދި އަމްދާން އަލީ (އޭންޑީ) އާއި އަޙްމަދު އަބްދުﷲ (ލިލީ) ފާޙަގަކޮށްލެވެއެވެ.

ޓީމުން ފުރުސަތު ލިބުނު ޒުވާން ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ޒުވާން ގައުމީ ޓީމުގެ ކެޕްޓަން މުޙައްމަދު އިލާން އިމްރާން އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އަދި ހަމްޒާގެ ކެޕްޓަންކަމުގައި ރާއްޖެއިން ކުޅޭ ފުރަތަމަ މެޗުގައި މިރޭ ނުކުންނާނީ އަފްޣާނިސްޠާނާ ދެކޮޅަށެވެ.

ގުޅުންހުރި ލިޔުންތައް