- Advertisement -spot_img

ވޯލްޑް ކަޕްގައި އެމެރިކާގެ ބަދަލުގައި އީރާން ޓީމު ކޭމްޕްކުރާނީ މެކްސިކޯގައި

އަންނަ މަހު ފަށާ ފީފާ ވޯލްޑް ކަޕްގައި އެމެރިކާގެ ބަދަލުގައި އީރާނުގެ ގައުމީ ފުޓްބޯޅަ ޓީމު މެކްސިކޯގައި ކޭމްޕްކުރާ ގޮތަށް ހަމަޖެހިއްޖެ ކަމަށް އެ ގައުމުގެ ރައީސް ކްލައުޑިއާ ޝެއިންބޯމް އިއުލާނުކުރައްވައިފިއެވެ.

އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައާ ގުޅިގެން، މި ފަހަރުގެ ވޯލްޑް ކަޕްގައި ބައިވެރިވުމަށް އީރާނުން ވަނީ ފީފާއަށް 10 ޝަރުތެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންނަށް ވިސާ ހަމަޖައްސައިދިނުމާއި، ސިޔާސީ ހަމަނުޖެހުންތަކަށް ފުރުސަތު ނުދިނުމާއި، ފުރިހަމަ ސެކިއުރިޓީ ފޯރުކޮށްދިނުން ހިމެނެ އެވެ. ނަމަވެސް އެމެރިކާ ސަރުކާރުން މީގެ ތެރެއިން ބައެއް ކަންކަން ފުރިހަމަ ނުކޮށްދެވޭނެކަން އެންގުމުން، ފީފާއިން ވަނީ ކުއްލި ގޮތަކަށް އީރާނުގެ ބޭސް ކޭމްޕް މެކްސިކޯއަށް ބަދަލުކޮށްފައެވެ.

މެކްސިކޯގެ ރައީސް ވިދާޅުވީ އީރާން ޓީމަށް މަރުހަބާ ކިޔުމަށް އެ ގައުމު އޮތީ ތައްޔާރަށް ކަމަށާއި، އެމެރިކާއިން އީރާނަށް އެ ގައުމުގައި މަޑުކުރުމުގެ ހުއްދަ ނުދިން ނަމަވެސް މެކްސިކޯގައި ތިބުމުގެ ފުރިހަމަ އިންތިޒާމް ފީފާގެ އެދުމުގެ މަތިން ހަމަޖައްސައިދޭނެ ކަމަށެވެ. މީގެ ކުރިން ކެނަޑާއިން ވެސް ވަނީ އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ހިމެނޭހެން ބައެއް އިސްވެރިންނަށް ވިސާ ދިނުމަށް ދެކޮޅު ހަދައި، ފީފާ ކޮންގްރެސްގައި ބައިވެރިވުމުގެ ފުރުސަތު ހަނިކޮށްފައެވެ.

މި ވަގުތު ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ތުރުކީގައި ތަމްރީނުތައް ފުރިހަމަކުރަމުންދާ އީރާން ޓީމު ލައްވާލާފައިވަނީ މުބާރާތުގެ ގްރޫޕް ޖީ ގަ އެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ބެލްޖިއަމް، މިސްރު އަދި ނިއުޒީލެންޑެވެ. ޝެޑިއުލްގައިވާ ގޮތުން އީރާނުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި އޮތީ އެމެރިކާގެ ލޮސް އެންޖެލްސް އާއި ސިއޭޓަލްގަ އެވެ. ނަމަވެސް ޓީމު މުޅި މުބާރާތުގައި ވެސް ކޭމްޕްކޮށްގެން ތިބޭނީ މެކްސިކޯގައެވެ.

ގުޅުންހުރި ލިޔުންތައް