ފަހު މެޗުގައި ކްރިސްޓަލް ޕެލަސް އަތުން 2-1 އިން މޮޅުވެ، އާސެނަލުން 22 އަހަރަށް ފަހު އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައި، ތަށި އުފުލާލައިފިއެވެ.
މި މެޗަށް ނުކުތްއިރު ވެސް އާސެނަލަށް އޮތީ ލީގު ޗެމްޕިއަންކަން ޔަގީންވެފަ އެވެ. އާސެނަލަށް 2004 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ލީގު ޗެމްޕިއަންކަން ކަށަވަރުވީ، ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީން އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން ބޯންމައުތާ އެއްވަރުވުމުންނެވެ.
ސިޓީން މިރޭ ކުޅުނު މެޗުން ވަނީ އެސްޓަން ވިލާ އަތުން 2-1 އިން ބަލިވެފަ އެވެ. އެއީ، ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި ޓީމުގެ ކެޕްޓަން، ބެނާޑޯ ސިލްވާ އަށް އެ ކްލަބްގައި ފަހު މެޗެވެ.
ޕެލަސްގެ ސެލްހަސްޓް ޕާކުގައި ކުޅުނު މެޗަށް އާސެނަލުން ނުކުތީ ގިނަ ބަދަލުތަކާ އެކު އެވެ. އެކަމަކު އެ ޓީމުން ވަނީ ރަނގަޅު ކުޅުމަކާ އެކު މެޗުން މޮޅުވެފަ އެވެ. އެ ގޮތުން، ގަބްރިއެލް މާޓިނެލީ ދިން ބޯޅައަކުން އާސެނަލުން ލީޑުނެގީ ގަބްރިއެލް ޖީސޫސް ޖެހި ގޯލުންނެވެ. ދެ ވަނަ ހާފުގައި ނޯނީ މަޑުއޭކޭގެ ގޯލުން އާސެނަލުން ލީޑުފުޅާކުރިއިރު، ޕެލަސް އަށް މެޗުގެ ލަނޑު ޖަހައިދިނީ ޖިއަން ފިލީޕް މަޓޭޓާ އެވެ.
ލީގު ޗެމްޕިއަން، އާސެނަލުން 85 ޕޮއިންޓް ހޯދި އެވެ. ސިޓީ އަށް ދެ ވަނަ ލިބުނީ 78 ޕޮއިންޓާ އެކުއެވެ. ތިން ވަނަ ހޯދި ޔުނައިޓެޑަށް 71 ޕޮއިންޓް އަދި ހަތަރެއްގައި ނިންމި ވިލާ އަށް 65 ޕޮއިންޓް އަދި ފަސް ވަނަ ހޯދި ލިވަޕޫލަށް ވަނީ 60 ޕޮއިންޓް ލިބިފަ އެވެ.
މިއީ، ޕްރިމިއާ ލީގަށް ރީބްރޭންޑް ކުރި ފަހުން އާސެނަލްގެ ހަތަރު ވަނަ ތަށްޓެވެ. އަދި، ޖުމްލަ އެކު، އެ ޓިމުގެ 14 ވަނަ ލީގު ތަށްޓެވެ. އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ، 2019 ވަނަ އަހަރު އެ ޓީމާ ހަވާލުވެ، އެ ސީޒަނުގައި އެ ޓީމަށް އެފްއޭ ކަޕް ކާމިޔާބުކޮށްދިނެވެ. އެކަމަކު، އޭގެ ފަހުން ތަށްޓެއް ނުލިބި ގިނަ ޕްރެޝަރުތަކާ ކުރިމަތިލުމަށް ފަހު، ލީގު ޗެމްޕިއަންކަން މި ހޯދީ ފާއިތުވި ސީޒަންތަކުގައި ލީގުގެ ދެ ވަނަ ހޯދުމަށް ފަހުއެވެ.



