- Advertisement -spot_img

ކޭންގެ ހެޓްރިކުން ބަޔާން މިއުނިކުން ޖަރުމަނު ކަޕް ކާމިޔާބުކޮށްފި

ޖަރުމަނު ކަޕް ފައިނަލުގައި ރޭ ހެރީ ކޭންގެ ހެޓްރިކުން 3-0 އިން ސްޓުޓްގާޓް ބަލިކޮށް ބަޔާން މިއުނިކުން ހަ އަހަރަށް ފަހު މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ބާލިންގެ މަޝްހޫރު އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލުގައި ބަޔާނުން ތިން ގޯލު ޖެހީ ވެސް ދެ ވަނަ ހާފުގައެވެ. މި ތިން ލަނޑު ވެސް ކާމިޔާބުކުރީ މި ފަހަރު އާދަޔާހިލާފު ފޯމެއްގައި ކުޅެމުން އަންނަ އިނގިރޭސި ގައުމީ ޓީމުގެ ފޯވާޑްއެވެ. އެ ގޮތުން، މެޗުގެ 55 ވަނަ މިނިޓްގައި ކޭން، ބަޔާންގެ ފުރަތަމަ ލަނޑު ޖެހީ މައިކަލް އޮލީސޭ ނަގައިދިން ހުރަހަކަށް ހުސްވެއެވެ.

ފުރަތަމަ ލަނޑު ޖެހިތާ 10 މިނިޓް ފަހުން، ކޭން ވަނީ ބަޔާންގެ ދެ ވަނަ ލަނޑު ޖަހައިފައެވެ. މެޗުގެ 65 ވަނަ މިނިޓްގައި ކޮލަމްބިއާގެ ތަރި، ލުއިސް ޑިއާޒް، އެޓޭކަށް އަރައި، ކޭން އަށް ތަނަވަސްކޮށްދިން ފުރުސަތުގެ ބޭނުންހިފައި އޭނާ ވަނީ ބަޔާންގެ ދެ ވަނަ ލަނޑު ޖަހައިދީ، ލީޑުފުޅާކޮށްދީފައެވެ. މެޗުގައި ކޭން ޖެހި ފަހު ލަނޑަކީ އިތުރު ވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކުރި ގޯލެކެވެ.

ޓޮޓެންހަމް ހޮޓްސްޕާސް ދޫކޮށް، 2023 ވަނަ އަހަރު ބަޔާނާ ގުޅުނު ކޭން މި ވަނީ އެ ޓީމަށް ބަދަލުވި ފަހުން ހަތަރު ޓްރޮފީ ހޯދައިފައެވެ. އަނެއްކޮޅުން، މިއީ ބަޔާނަށް ބަދަލުވި ފަހުން ކޭންގެ އެންމެ ރެކޯޑް ރަނގަޅު ސީޒަނެވެ. އެ ގޮތުން، މި ސީޒަނުގައި ކޭން ވަނީ އޭނާ ކުޅުނު 51 މެޗުން 61 ގޯލު ޖަހައިދީފަ އެވެ. އަދި، މި ފަހަރުގެ ފީފާ. ވޯލްޑް ކަޕްގައި ކޭން ދައްކާ ކުޅުމަށް ބަލާފައި، އޭނާ އަށް ފްރާންސް ފުޓްބޯލް އިން ދޭ ބެލޮންޑިއޯ އެވޯޑް ލިބުމުގެ ފުރުސަތު ވެސް އެބައޮތެވެ.

ގުޅުންހުރި ލިޔުންތައް