ސައުދީ ޕްރޯ ލީގުގައި ރޭ އަމިއްލަ ދަނޑުގައި 4-1 ގެ ނަތީޖާއަކުން ޑަމަކް ބަލިކޮށް އަލް ނަސްރުން ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފިއެވެ.
ކިންގް ސައުދު ޔުނިވާސިޓީ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި މޮޅަށް ކުޅެ މެޗު ޑޮމިނޭޓްކުރީ އަލް ނަސްރު އިންނެވެ. އަދި މިމެޗުގައި އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ދެލަނޑު ކާމިޔާބުކުރިއިރު، ސަޑިއޯ މާނޭ އަދި ކިންގްސްލީ ކޯމަން މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މިމެޗުގައި ޑަމަކް އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ދެވަނަ ހާފުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ފޯވާޑް މޮރްލޭ ސެލާ އެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަލް ނަސްރުގެ ކެޕްޓަން ރޮނާލްޑޯއެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 34 މެޗުން އަލް ނަސްރަށް 86 ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން ބަލިވި ޑަމަކް އިން ލީގު ނިންމާލީ ކުޅުނު 34 މެޗުން ހޯދި 29 ޕޮއިންޓާއެކު ތާވަލުގެ 16 ވަނައިގައެވެ. މިއާއެކު އެޓީމު ވަނީ ދެވަނަ ޑިވިޝަނަށް ރެލިގޭޓްވެފައެވެ.
މިމެޗުގައި ރޮނާލްޑޯ ކާމިޔާބުކުރި ދެލަނޑާއެކު މިސީޒަނު ސައުދީ ލީގުގައި ކުޅުނު 30 މެޗުގައި ވަނީ 28 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިދެލަނޑާއެކު ރޮނާލްޑޯގެ ކެރިއަކުގައި ކުލަބަށާއި ގައުމީ ޓީމަށް ކާމިޔާބުކުރި ލަނޑުގެ އަދަދު ވަނީ 973 އަށް އަރާފައެވެ. އަދި މިއީ ރޮނާލްޑޯގެ ކެރިއަރުގައި މިހާތަނަށް ކާމިޔާބުކުރި 37 ވަނަ ތައްޓެވެ.



